ޔޫރޯ 2020 ގެ ގްރޫޕް އޭ އިން އިޓަލީ އާއި ވޭލްސް ކޮލިފައިވިއިރު އިތުރު އިންތިޒާރެއް ކުރުމަށް ސްވިޓްޒަލޭންޑަށް މަޖުބޫރުވެއްޖެއެވެ.
މިއަދުގެ މެޗުތަކާއި ކުރިމަތިލިއިރު ވެސް އިޓަލީ އޮތީ ދެވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފައެވެ. އެގޮތުން މިއަދު ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗު ވެސް 1-0 އިން ކާމިޔާބުކޮށް އެޓީމުން ދެވަނަ ބުރަށް ކޮލިފައިވީ އެއްވަނާގައި އޮވެ ނުވަ ޕޮއިންޓާއެކުއެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗެއްގައި އިޓަލީ ކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ. މިއަދުގެ މެޗުގައި އިޓަލީގެ ލަނޑު ޖަހައިދިނީ މަޓެއޯ ޕެސީނާއެވެ.
މި މެޗުން ބަލިވި ނަމަވެސް ވޭލްސް ދެވަނަ ބުރަށް ކޮލިފައިވީ ހަތަރު ޕޮއިންޓާއެކު ސްވިޓްޒަލޭންޑާއި ހަމަހަމަވި ނަމަވެސް ލަނޑުގެ ތަފާތުން ކުރި ހޯދައިގެންނެވެ.
މިއަދު ސްވިޓްޒަލޭންޑާއި ތުރުކީ ބައްދަލުކުރި މެޗު 3-1 އިން ކާމިޔާބުކުރީ ސްވިޓްޒަލޭންޑްއެވެ. އެޓީމަށް މި މެޗުގައި ޒަޑާން ޝަގީރީ ދެ ލަނޑު ޖަހައިދިންއިރު ދެން ޖެހީ ހަރިސް ސެފަރޮވިޗްއެވެ. ތުރުކީގެ ލަނޑު ޖެހީ އިރުފާން ކަވެޗީއެވެ.
މި މެޗުން މޮޅުވެ ހަތަރު ޕޮއިންޓާއެކު ސްވިޓްޒަލޭންޑް އޮތް ނަމަވެސް އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭނީ އެހެން ގްރޫޕްތަކުގެ ކުޅުން ނިމުމުން ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމުތަކުގެ ތެރޭގައި ހިމެނުމުންނެވެ. މި ބައްޔާއެކު ތުރުކީ މުބާރާތް ނިންމާލީ ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެގެންނެވެ.