ގައުމަށް ރީތި ނަން ހޯދައިދިނުމަށް ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަކީ ގައުމީ ވާޖިބެއް ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.
ދަގަނޑޭ މިހެން ބުނީ އޭއެފްސީ ކަޕްގެ ބްރެކެޓް ޗެލެންޖްގެ ސެމީ ފައިނަލްގައި ގާތްގަނޑަކަށް 95 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވިއެޓްނާމްގެ ހަނޯއީ އެފްސީއަށް ކުޅެމުން އަންނަ އެގައުމުގެ ގައުމީ ޓީމުގެ ކުއަންގް ހޭގެ މައްޗަށް ކުރި ހޯދުމަށްފަހު ކުރި ޓްވީޓެއްގައެވެ. ދަގަނޑޭ ވަނީ ފައިނަލް ބުރުގެ ޖާގައެއް 54.68 އިންސައްތަ ވޯޓާއެކު ހޯދާފައެވެ. ކުއާޓާ ފައިނަލްގައި ވެސް އޭނާ ކުރި ހޯދީ ވިއެޓްނާމް ކުޅުންތެރިޔެއްގެ މައްޗަށެވެ. ހަމައެހެންމެ މީގެ ކުރީ ބުރުތަކުގައި އޭނާ ވަނީ ކުވައިތުގެ ކުވައިތު އެފްސީގެ ރޮޖަރީނިއޯ އަދި ބަންގްލަދޭޝްގެ އަބްހާނީ ޑާކާގެ ސޮހެލް ރަނާ ވެސް ބަލިކޮށްފައެވެ.
ޕޯލް ނިމުމާއެކު ކުރި ޓްވީޓެއްގައި ދަގަނޑޭ ވަނީ ސެމީ ފައިނަލް ބުރުގެ ޕޯލް ކާމިޔާބު ކޮށް، ފައިނަލް ބުރަށް ދަތުރުކުރުމަށް ރެއާދުވާލު ވޯޓު ހޯއްދަވައިދެވުމަށް މަސައްކަތް ކޮށްދެއްވި އެންމެހާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރާ ކަމަށް ބުނެފައެވެ. އަދި އުމަށް ރީތި ނަން ހޯދައި ދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ އަޅުގަނޑުގެ ޤައުމީ ވާޖިބެއްގެ ގޮތުގައި އަބަދުވެސް ދެކޭނެ ކަމަށް އޭނާ ބުންޏެވެ.
މި ޗެލެންޖްގައި ވާދަކުރުމަށް ހޮވާފައިވަނީ 2013 ވަނަ އަހަރު އިންޑޮނޭޝިއާގެ ޕެރިސިބޯއާ ދެކޮޅަށް ނިއު ރޭޑިއަންޓް އާއެކު އޭނާ ޖެހި ފަސް ލަނޑުގެ ތެރެއިން މުޅި ޑިފެންސް ފޫ އަޅުވާލުމަށްފަހު ކީޕަރު ވެސް ކަޓުވާލައި އޭނާ ޖެހި ލަނޑެވެ.