ކޮވިޑް-19 އާ ދެކޮޅަށް ދެމުން އަންނަ ވެކްސިންތަކުގެ އެއް ބިލިއަން ޑޯޒް ހަމަކުރި ފުރަތަމަ ގައުމަކަށް ޗައިނާ ވެއްޖެއެވެ.

1.4 ބިލިޔަން މީހުންނާއެކު ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮންނަ ގައުމަށް ޗައިނާ ވީއިރު، އެގައުމުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފެށުނުއިރު އާންމުންގެ ފަރާތުން އެކަށީގެންވާ ތަރުހީބެއް ނުލިބުނު ނަމަވެސް ފަހަކަށް އައިސް ޗައިނާގެ ގިނަ ރައްޔިތުން އަންނަނީ ވެކްސިން ޖަހަމުންނެވެ.

ޗައިނާއިން އެއް ބިލިޔަން ވެކްސިން ޑޯޒް އެގައުމުގައި ޖަހާފައިވާ ކަމަށް އިއުލާނުކޮށްފައި ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ޖުމްލަ ކޮވިޑް-19 އާއި ދެކޮޅަށް 2.5 ބިލިއަން ވެކްސިން ޑޯޒް ޖަހާފައިވާކަން އިއުލާނުކޮށްފައި ވަނިކޮށެވެ. އެހެންނަމަވެސް، ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަން (އެންއެޗްސީ) އިން ވެކްސިން ޖުމްލަ ޖަހާފައިވާ މީހުންގެ އަދަދު އާންމުކޮށްފައެއް ނުވެއެވެ.

ޗައިނާގައި ވެކްސިން ޖަހާ މީހުން ގިނަވުމާއެކު މަސްދުވަހަކަށް ވުރެ އަވަހަށް މިވަނީ 500 މިލިއަން ވެކްސިން ޑޯޒު ފުރިހަމަކޮށްފައިވަނިކޮށް އެއަދަދު ދެގުނަޔަށް އިތުރުވެފައެވެ. ވެކްސިން ޖެހުމަށް ގިނަ އަދަދަކަށް ޗައިނާގެ ރައްޔިތުން އިސްނަގަމުން އަންނައިރު ޗައިނާގެ ސަރުކާރުން އަންނަނީ ފުރުސަތުގެ ބޭނުން ހިފާ، 1.4 ބިލިޔަން މީހުންގެ އާބާދީގެ ބޮޑު ގައުމުގެ %40 މީހުންނަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް އަމާޒުކޮށް އެކަމަށް މަސައްކަތް ކުރަމުންނެވެ.

ވެކްސިން ޖެހުމަށް މިހުން ޝައުގުވެރިކުރުމުގެ ގޮތުން އެކީ ސްޓޭޓުތަކުގައި އަންނަނީ އެކި ހަދިޔާ އާއި އިނާޔަތްތައް ދެމުންނެވެ. އެގޮތުން ބައެއް ސަރަހައްދުގައި ހިލޭ ވެކްސިން ޖަހައިދެމުން އަންނައިރު، ބައެއް ސްޓޭޓުތަކުގައި ވެކްސިން ޖަހާ މީހުންނަށް ހިލޭ ބިސް ބަހަމުން އަންނައިރު ބެއިޖިންގައި ވެކްސިން ޖަހާ މީހުންނަށް އަންނަނީ ވިޔަފާރި ކުރުމަށް ކޫޕަން ބަހަމުންނެވެ.

ޗައިނާގައި ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލުކުރެވިފައިވާއިރު ފާއިތުވި ދުވަސްތަކުގައި ޗައިނާގެ ގުއަންގްޒޯ އަވަށުގައި ޑެލްޓާ ވޭރިއަންޓު ފެތުރެން ފެށުމާއެކު ގިނަ ބަޔަކު އަންނަނީ ވެކްސިން ޖެހުމަށް އިސްކަން ދެމުންނެވެ. މި އާދީއްތަ ދުވަހު ޗައިނާގައި ރިޕޯޓުކޮށްފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް 23 މީހެއްގެ ކޭސްއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.