ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދައުލަތުން ފޯރުކޮށްދޭ ސެކިއުރިޓީ ފެއިލްވި ގޮތާއި ގުޅިގެން ހަދަމުންދާ ޕާލިމެންޓްރީ އިންކުއަރީއަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް ހާޒިރުކޮށް ސުވާލު ކޮށްފިއެވެ.
މިދިޔަ މަހުގެ 6 ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިންކުއަރީ ކުރިޔަށް ގެންދަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީންނެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ޝަމާލާއ އަބްދުއްރަހީމްގެ އިތުރުން ކާނަލް ނަސްރުﷲ އިބްރާޙީމް މަޖުދީ ހިމެނޭހެން އެމްއެންޑީއެފްގެ މަތީ ފަންތީގެ އެކި އެކި ބޭބޭފުޅުން ހާޒިރުކޮށް ސުވާލު ކޮށްފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީގެ ތެރެއިން pic.twitter.com/AHKZKfYhdG
— People's Majlis (@mvpeoplesmajlis) June 20, 2021
މި ހިނގާ ޖޫން 5 ވަނަ ދުވަހު ފެށި މި އިންކުއަރީއަށް ފުލުހުންގެ އިސްވެރިންނާއި ވަކި ވަކި ފުލުހުންގެ އިތުރުން، އެމްއެންޑީއެފްގެ އިސްވެރިންނާއި ވަކި ވަކި ސިފައިން ވެސް ދަނީ ހާޒިރު ކުރަމުންނެވެ. އަދި ސަރުކަރުގެ ވަޒީރުންނާއި، މާލެ ސިޓީ ކައުންސިލްގެ އިސް ފަރާތްތައް ވެސް ހާޒިރު ކޮށްފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.
ކޮމިޓީން ލަފާކޮށްފައިވާ ގޮތުގައި މި އިންކުއަރީ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ އެވެ.