މަތީ ތަޢުލީމާއި ތަމްރީނުގެ ލޯން ސްކީމުގެ ފައިނަލް ލިސްޓު ނެރުނު އިރު، 449 ދަރިވަރަކަށް ފުރުސަތު ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެފިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް އިއުލާނު ކުރާ ލޯން ސްކީމްގެ ރަސްމީ ނަތީޖާ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގެ ވެބްސައިޓުގައި މިއަދު ވަނީ ޝާއިއު ކޮށްފައެވެ. އެ ލިސްޓުގައި ޖުމްލަ 449 ދަރިވަރަކަށް ލޯނު ލިބުނުއިރު، ކުރިން ނެރުނު ވަގުތީ ލިސްޓުގައި 471 ކުއްޖަކު ހިމެނުނުކަން ފާހަގަ ކުރެވެއެވެ.

މިކަމާ ގުޅިގެން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ މި އަހަރު ފެބްރުއަރީ މަހު ހުޅުވާލި ލޯނު ފުރުސަތުގައި ޝަރުތު ހަމަވެ، މަތީ ތައުލީމާއި ތަމްރީނުގެ ލޯން ސްކީމުން ފުރުސަތު ލިބިފައި ވާ ދަރިވަރުންގެ "ލޯން އެވޯރޑް ނޮޓިފިކޭޝަން" މިމަހު 24 ވަނަ ދުވަހު ދަރިވަރުންނަށް އީމެއިލް ކުރާނެ ކަމަށެވެ. އަދި އީމެއިލާއެކު ފޮނުވާ ލިޔުންތަލުގައި ދަރިވަރުން ދެން އަމަލު ކުރަންވާ ގޮތުގެ ތަފްސީލު ހިމަނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ތަޢުލީމީ ޤާބިލް ޒުވާނުން ބިނާކުރުމަށް މި ސަރުކާރުން ފަހިކޮށްދެއްވާ ފުރުސަތުތަކުގެ ތެރެއިން މިފަހަރު ލޯން ސްކީމްގައި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އެމް.ބީ.ބީ.އެސް ކިޔަވަމުންދާ 65 ދަރިވަރަކަށް ވަނީ ފުރުސަތު ލިބިފައެވެ. އަދި ޕައިލެޓް ލައިސަންސްއަށް ކިޔަވަމުންދާ 16 ދަރިވަރަކަށްވެސް ފުރުސަތު ލިބިފައިވެއެވެ.

މި ކެޓަގަރީން ޕޮއިންޓް ދިނުމުގައި ބަލާފައިވާނީ ކިޔަވަމުންދާ ކޯސް ނިންމުމަށް އެންމެ ކުރު މުއްދަތެއް އޮތް ފަރާތްތައް، ފިޠުރު ޒަކާތާއި މުދަލު ޒަކާތުން ލިބުން އެދޭ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް އަދި އެކަޑަމިކް މެރިޓް ސްކޯރއިން އެއްމެ މަތިން ސްކޯރ ކުރާ ފަރާތްތަކަށެވެ.

މިފަހަރުގެ ލޯން ސްކީމްގައި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް ފުރުސަތު ހުޅުވާލާފައިވާނެއެވެ. އަދި ލޯނު އެހީގެ ދަށުން ތަޢުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ޤައުމަކަށްވެސް ދިއުމުގެ ފުރުސަތު ފަހި ކޮށްދެވިފައިވެއެވެ.

މިގޮތުން ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ދަރިވަރު އިޚްތިޔާރުކުރާ ޤައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.