އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލާގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުށަހެޅީ ގާނޫނާއި ހިލާފަށް ހޯދާފައިވާ ހެއްކާއެކު ކަމަށްވާތީ އެ ދައުވާ ފުރިހަމަނުކުރެވޭނެ ކަމަށް މަހްލޫފް ވިދާޅުވެއްޖެއެވެ.
ޕީޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް ވަނީ މަހްލޫފްގެ މައްސަލައިގައި ކަންކަން ފުރިހަމަވުމުން ދައުވާކުރާނެ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ މަހްލޫފުގެ މައްސަލައިގައި ދައުވާކޮށްދޭން އޭސީސީން އެދުނީ ސިޓީއަކުން ކަމަށާއި، އެގޮތުން ދިމާވެގެން އުޅޭ މައްސަލައަކީ އިދާރީ މައްސަލައެއް ކަމަށް ވެސް މިއަދު ޕީޖީ ހާމަކުރައްވާފައިވެއެވެ.
މަހްލޫފް މިއަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ޕީޖީ އޮފީހުން އޭސީސީއަށް ފޮނުވި ސިޓީއިން މިއަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ޑިއުޓީ ޕްރޮސެކިއުޝަން ޓޭބަލް މެދުވެރިކޮށް އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފުލުހުން އެދުމުން އެފަހަރު ވެސް ތަހުގީގު ފުރިހަމަކުރަން ޕީޖީއިން ފުލުހުންނަށް އަންގާފައިވާކަން ޔަގީންވާ ކަމަށެވެ. އަދި އޭގެ ފަސް މަސް ފަހުން އަނެއްކާ ވެސް އޭސީސީއިން މައްސަލަ ފޮނުވީ އޮތްގޮތަށް އެއްވެސް އިސްލާހެއް ނުގެނެސް ކަމަށާއި އެހެންކަމުން އަނެއްކާ ވެސް ދައުވާ ފުރިހަމަކުރަން އަންގާފައިވާ ކަމަށެވެ.
-24 ޖެނުއަރީ ގައި ޑިއުޓިީ ޕްރޮސެކިއުޝަން ޕޯޓަލް އިން ޕޮލިހުން PG އަށް ހުށައެޅީމަ ތަހުގީގު ފުރިހަމަކުރަން އަންގާފައިވާކަން،PG އިން ACC އަށް ފޮނުވި ސިޓީ އިން ޔަޤީންވޭ
-ACC އިން އޮތްގޮތަށް PG އަށް ފޮނުވީމަވެސް އެންގީ ފުރިހަމަކުރަން
-އަޅުގަނޑު އެދެނީ އަވަހަށް ގޮތެއް ނިންމާދިނުމަށް https://t.co/W2dE9wyAte pic.twitter.com/mpSYMWtp8A— Ahmed Mahloof (@AhmedMahloof) June 20, 2021
މި މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ދައުވާ ކުރިޔަސް އަދި ނުކުރިޔަސް މައްސަލާގައި ހެކި ހޯދާފައިވަނީ ގާނޫނާއި ހިލާފަށް ކަމަށްވާތީ ޕީޖީ ވިދާޅުވާ ގޮތަށް ދައުވާ ފުރިހަމަނުކުރެވޭނެ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.
އަޅުގަނޑު އެދެނީ އަވަހަށް ގޮތެއް ނިންމަވައި ދެއްވުން
މި މައްސަލައިގައި ދައުވާ ކުރުމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށާއި، ނަމަވެސް ވަކި ތާރީހެއް ދެންނެވެން ނެތް ކަމަށް މިއަދު ޕީޖީ ޝަމީމް ވިދާޅުވިއެވެ.
މި މައްސަލައިގައި ތަހުގީގަށް ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރޭގައި މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި، ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ލިބިފައިވާ ކަން އެނގޭ ކަމަށް އޭސީސީން ހާމަކޮށްފައިވެއެވެ.
މިނިސްޓަރ މަހްލޫފް ވަނީ އޭނާއަށް ކޮށްފައިވާ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ. އެގޮތުން މަހްލޫފް ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަ ފެށުނު ހިސާބުން ފެށިގެން ވެސް އޭނާއާ މެދު އަމަލުކުރަމުންދަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް ކަމަށެވެ. އަދި އެކަން ކުރަމުންދަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަން އެންމެ އިސްވެރިންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.