ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރެރިސްޓް ހަމަލާއާ ގުޅިގެން މައުލޫމާތު ހޯދަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ލިބިފައިވާ ގާނޫނީ ބާރުގެ ބޭނުން ހިފާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އެޗްއާރްސީއެމްގެ ކޮމިޝަނަރ މޫމިނާ ވަހީދު ވިދާޅުވީ، ރައީސް ނަޝީދުގެ މައްސަލައިގައި އިދާރާތަކުން ޖަވާބު ނުދޭ ކަމަށާއި، ހިއުމަން ރައިޓްސްގެ ދާއިރާއިން ބަލަން ޖެހޭ ކަންކަން ބެލުމަށް އެ ކޮމިޝަނަށް މައުލޫމާތު ލިބެން ޖެހޭ ކަމަށެވެ.

އެގޮތުން އެ މައްސަލައިގައި މައުލޫމާތު ހޯދުމަށް އެޗްއާރްސީއެމްއަށް ލިބިފައިވާ ގާނޫނީ ބާރުގެ ބޭނުން ހިފައިގެން ނަމަވެސް، މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މޫމިނާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މައްސަލައާ ގުޅުން ހުރި ކަންކަން ބަލުމުގެ ގޮތުން އެޗްއާރްސީއެމް އިން ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކޮށްފައިވާ ގޮތާއި، ކުރަމުންދާ ގޮތް ބަލައި، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެކި މުއައްސަސާތަކުގެ އިތުރުން އިދާރާތަކަށް ލިޔުމުން ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން މި މަހުގެ 18 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

މި ބަޔާނުގައި އެޗްއާރްސީއެމް އިން ބުނީ، މައުލޫމާތު ހޯދުމަށް އެދި މިހާތަނަށް ލިޔުމުން ހުށަހެޅިފައިވަނީ މާލެ ސިޓީ ކައުންސިލާއި، މޯލްޑިވްސް ޕޮލިސް ސާރވިސް އާއި، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އާއި، ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ އަދި ޑިފެންސް މިނިސްޓްރީއަށް ކަމަށާއި، މިހާތަނަށް ޑިފެންސް މިނިސްޓްރީ ފިޔަވައި އެހެން ހުރިހާ މުއައްސަސާއަކުން ކޮމިޝަނުން އެދުނު މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލަ އެޗްއާރްސީއެމް އިން ބަލަމުން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.