ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިޒަމްގެ ހަމަލާއާ ގުޅިގެން ފުލުހުން ކުރިޔަށްގެންދާ ތަހްގީގާމެދު ހިތްހަމަ ޖެހިވަޑައިގެންނަވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޝަމީމް ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހްގީގު ކުރިއަށް ގެންދާ ގޮތް ވަރަށް ސީރިއަސްކޮށް ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި ފުލުހުންވެސް އެ ތަހްގީގު ކުރިއަށް ގެންދަނީ މި ވަގުތު އެންމެ އިސްކަމެއްދޭން ޖެހޭ މައްސަލަކަމަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"މައްސަލައިގެ ތަހްގީގު ހިނގާ ގޮތާއިމެދު އަޅުގަނޑު ހިތްހަމަޖެހޭ. ތަހްގީގު ވަރަށް ބާރަށް ކުރިއަށް އެބަދޭ. އަޅުގަނޑުމެންގެ ޕްރޮސެކިއުޓަރަކު ފުލުހުންނާއި އެކު އެބަ މަސައްކަތްކުރައްވާ. އަދި އަޅުގަނޑުމެންގެ ޓީމެއް އެބަ މިކޮޅުގައި(ޕީޖީ އޮފީހުގައި) މަސައްކަތް ކުރައްވާ. އެ މައްސަލައިގެ މައުލޫމާތުތައް އަޅުގަނޑުމެނަށް ވަގުތުން ވަގުތައް ލިބެމުންދޭ،" ޝަމީމް ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވީ، ފުލުހުން ސީދާ އޭނާއަށް ތަހްގީގުގެ މައުލޫމާތުތައް ހިއްސާ ކުރަމުންދާ ކަމަށާއި، ތަހްގީގުގައި ބޭރުގެ އިދާާރާކުގެ މީހުންގެ އެހީތެރިކަންވެސް ފުލުހުން ހޯދާ ކަމަށެވެ.
މީގެއިތުރުން އެ ބާވާތުގެ މައްސަލަތަކަކީ ތަހްގީގުކުރަން އުނދަގޫ މައްސަލަތަކެއް ކަަމަށާއި، ތަހްގީގު މާ އަވަސްކޮށް އަދި މާ ލަސްކޮށްފި ނަމަވެސް އިތުރު މައްސަލަތަކެއް ނިކުމެދާނެ ކަމަށް ޕީޖީ ފާހަގަ ކުރެއްވި އެވެ.
" އަވަސް އަރުވާލައިފިއްޔާ ދިމާވާނެ މައްސަލައަކީ އަސްލު އެކަމުގައި ބައިވެރިވާ މީހުން އަތުނުވެ ދިއުން. އެއީ މާ ނުރައްކާތެރިކަމެއް. ލަސްކޮށްފިއްޔާ ހެކި ނައްތާލުމުގެ ފުރުސަތު އޮންނާނެ. އެހެންވީމަ އޭގައި ޖަންމަންޓް ކޯލެއް ނަގަން ޖެހޭނީ،" ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިިދާޅުވި އެެވެ.
ޕީޖީ ވިދާޅުވީ، ތަހްގީގު ނިންމައި މައްސަލައިގެ ލިޔުންތައް އަންނަ މަހު ޕީޖީ އޮފީހަށް ލިބޭނެ ކަމަށާއި، އަދި އޯގަސްޓް 5 ވަނަ ދުވަހުގެ ކުރިން މައްސަލައިގައި ދައުވާކުރެވޭނެ ކަމަށެވެ. ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ތަހްގީގުކޮށް ދައުވާކުރުމަށް ކަނޑައަޅާފައިވާ މުއްދަތަށް ބަލާއިރު މި މައްސަލައިގައި އޯގަސްޓް މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ދައުވާކުރަން ޖެހޭއިރު، މުއްދަތު އިތުރު ކުރުމުގެ ބާރު ޕީޖީއަށް ލިބިގެންވެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހްގީގަށް ފާރަލުމަށް ރައީސް ނަޝީދު ރައީސްކަން ކުރައްވާ އެމްޑީޕީން ވަނީ ކޮމެޓީއެއް އުފައްދާފައި އެވެ. އެ ކޮމެޓީން މިހާރު ވަނީ ފުލުހުންނާ ބައްދަލުކުރުމަށްވެސް ނިންމާފައި އެވެ. އަދި ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހްގީގުގެ ސްޕީޑާ މެދު ރައީސް ނަޝީދަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ގެންދަނީ ފާޑުކިޔަމުންނެވެ.