ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ މައްޗަށް ދައުވާކޮށްދޭން އެދުނު މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީސް އެދިފައިވަނީ ދައުވާކޮށްދޭން ހުށައެޅި ސިޓީގައި ހަވާލާދީފައި އޮތް ލިޔުމެއް ނެތުމުން، އެ ލިޔުން ފޮނުވައި ދިނުމަށް ކަމަށް ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޕީޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ، މިނިސްޓަރ މަހްލޫފުގެ މައްސަލައިގައި ދައުވާކޮށްދޭން އޭސީސީން އެދުނީ ސިޓީއަކުން ކަމަށާއި، އެގޮތުން ދިމާވެގެން އުޅޭ މައްސަލައަކީ އިދާރީ މައްސަލައެއް ކަމަށެވެ.
ދައުވާ ކުރުމުގައި ވަކި މީހަކަށް ބިރުގަންނަން ނުޖެހޭ ކަމަށް ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ، ވަކި މީހަކަށް ވީތީ ދައުވާ ކުރަން ނުވަތަ ނުކުރަން ނުހުންނަވާނެ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ، ކޯޓަށް މައްސަލައެއް ހުށަހެޅޭނީ ސާބިތުކުރެވޭ ވަރުގެ ހެއްކާއި، މައުލޫމާތު ލިބިގެން ކަމަށެވެ.
"މިއީ ޕޮލިޓިކަލް ކެރިއަރު ނިމުމަކަށް އަންނާނެ ނިންމުމެއް. މައްސަލަ ސާބިތުވިއަސް ނުވިއަސް ދައުވާ ކުރާ ހިސާބުންވެސް" ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވި އެވެ.
މި އްސަލައިގައި ދައުވާ ކުރުމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށާއި، ނަމަވެސް ވަކި ތާރީހެއް ދެންނެވެން ނެތް ކަމަށް ޝަމީމް ވިދާޅުވިއެވެ.
މަހްލޫފްގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގަ އެވެ. އެގޮތުން މި މައްސަލައިގައި ތަހުގީގަށް ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރޭގައި މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި، ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ލިބިފައިވާ ކަން އެނގޭ ކަމަށް އޭސީސީން ހާމަކޮށްފައިވެއެވެ.
މިނިސްޓަރ މަހްލޫފް ވަނީ އޭނާއަށް ކޮށްފައިވާ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ. އެގޮތުން މަހްލޫފް ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަ ފެށުނު ހިސާބުން ފެށިގެން ވެސް އޭނާއާ މެދު އަމަލުކުރަމުންދަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް ކަމަށެވެ. އަދި އެކަން ކުރަމުންދަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަން އެންމެ އިސްވެރިންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.