އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރިޔާސަތުގެ ގޮނޑި ކާމިޔާބު ކުރެއްވުމަށްފަހު ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
ނިއު ޔޯކަށް ކުރެއްވި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ ޝާހިދު ރާއްޖެ ވަޑައިގެންފައިވަނީ މިއަދު ހެނދުނު އެެވެ.
މިމަހުގެ 7 ވަނަ ދުވަހު އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން, މިނިސްޓަރ ޝާހިދު ވަނީ އެކި ޤައުމުތަކުން އދއަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި ބައްދަލުކުރައްވަފައިފައެވެ. އޭގެއިތުރުން މިނިސްޓަރ ޝާހިދު އިއްޔެ ވަނީ އަބޫދާބީގައި ޔޫއޭއީގެ ފޮރިން މިނިސްޓަރ ޝެއިޚު އަބްދުﷲ ބިން ޒައިދު އަލް ނަހްޔާނާ ވެސް ބައްދަލު ކުރައްވާފައެވެ.
އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ރަލްމައިއާ ވާދަކުރައްވާ، މިނިސްޓަރ ޝާހިދު އދ. ގެ ރިޔާސަތަށް ހޮވިވަޑައިގަތީ 143 ވޯޓުގެ އަގުލަބިއްޔަތަކުންނެވެ.
އޭޝިއާ-ޕެސިފިކް ގްރޫޕުން ރިޔާސަތު ބަަލަހައްޓަން ޖެހޭ ދައުރުގައި ފޮރިން މިނިސްޓަރ ޝާހިދު ރިޔާސަތަށް ނޮމިނޭޓް ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ. މި ދައުރު ފެށޭނީ 14 ސެޕްޓެމްބަރު 2021 ގައެވެ.
މިއީ ރާއްޖޭގެ ތާރީހުގައިވެސް އދ. ގެ ރިޔާސަތު ބަލަހައްޓާ ޤައުމަކަށް ރާއްޖޭގެ ފޮރިންގ މިނިސްޓަރަކު ހޮވުނު ފުރަތަމަ ފަހަރު އެވެ.