މަޖިލީހުގެ 241 ކޮމިޓީގެ މެންބަރުން ބަންޑާރަކޮށީގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ފެއިލްވިގޮތުގެ އިންކުއަރީއަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީ (241 ކޮމިޓީ) ގެ ބައެއް މެންބަރުން މިއަދު ސިފައިންގެ ހެޑްކުއާޓަރަށް (ބަންޑާރަ ކޮއްޓަށް) ވަޑައިގެން މައުލޫމާތު އެއްކުރައްވައިފި އެވެ.

"ޖަޒީރާ" އަށް މައުލޫމާތު ދެއްވަމުން 241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ މައުލޫމާތު ހޯއްދަވަން ބަންޑާރަ ކޮއްޓަށް ވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ދެއްކެވި ވާހަކަތަކާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަ ކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްލަމްގެ އިތުރުން ބަންޑާރަކޮއްޓަށް ވަޑައިގެންނެވީ 241 ކޮމިޓީގެ ނައިބް މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި، މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުއެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއްކަމަށް ފުލުހުން ވަނީ ކަނޑައަޅާފަ އެވެ. އަދި އެ ހަމަލާއަކީ ސީދާ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއެއްކަމަށްވެސް ކަނޑައަޅާފައިވެއެވެ.

ކޮމެޓީގެ މުޤައްރިރު މުހައްމަދު އަސްލަމް އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މި އިންކުއެރީއަށް ބޭނުންވާ މައުލޫމާތު އެކިއެކި މުއައްސަސާތަކުންނާއި އެކިއެކި ފަރުުދުންގެ ފަރާތުން ލިބެންވާނެކަމަށް ގަބޫލު ކުރައްވާކަމަށެވެ. އަދި މިހާތަނަށް މި އިންކުއެރީއަށް ފުލުހުންނާއި، ސިފައިން އަދި އެހެނިހެން ވުޒާރާތަކުގެ އެއްބާރުލުން ލިބެމުންދާކަން އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިފަދަ އިންކުއުރީއެއް ހިންގާ މިއީ ފުރަތަމަ ފަހަރު ކަމަށާއި އަލަށް ކަންކަން ކުރާއިރު މުއާމަލާތް ކުރުމުގައި މައްސަލަތަކެއް ދިމާވެދާނެކަމަށް ގަބޫލުކުރަންޖެހޭކަމަށެވެ. އަދި ދިމާވާ ބައެއް ކަންކަންމާއި، އިދާރީ މައްސަލަތައްވެސް ހުންނާނެ ކަމަށެވެ. ނަމަވެސް އެކަންކަން ބަލަން އުޅުމަށްވުރެ އިންކުއަރީ ކުރިއަށްގެންދިއުން މުހިންމުކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވަނީ އިންކުއަރީ ނިމި ނެރޭ ރިޕޯޓަކީ ފުރިހަމަ ރިޕޯޓަކަށްވާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.

2
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.