އެޗްޕީއޭގެ އުސޫލުތަކާއި އެމްއެމްއޭއިން އަންގާފައިވާ އެންގުންތަކާ އެއްގޮތް ވާނެ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މަސައްކަތް ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
ބީއެމްއެލުން ނެރުނު އިއުލާނެއްގައި ބުނީ މި ހަފްތާ (20 ޖޫން އިން 24 ޖޫން އަށް) ގައި އެ ބޭންކުގެ ހުރިހާ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ބަންދު ވާނެ ކަމަށެވެ. ނަމަވެސް ރަސްމީ ކޮންމެ ދުވަހެއްގެ ހެންދުނު 10:00 އިން މެންދުރު 2:00 އަށް ކަސްޓަމަރ ސަރވިސް ސެންޓަރުން ކާޑު ދޫކުރުމުގެ ހިދުމަތް ކުރިއަށް ދާނެ ކަމަށެވެ.
އަދި ކާޑު ދޫކުރުމަށްޓަކައި، ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 2:00 އަށް ހުޅުމާލެ ބްރާންޗްވެސް ހުޅުވަން ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލުން ބުނީ، ހުއްދަ ލިބިފައިވާ ކަސްޓަމަރުންނަށް އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ. އެގޮތުން އާންމު ފަރުދުންގެ އެކައުންޓަށް 1 ލައްކަ ރުފިޔާ އަދި ވިޔަފަރި އެކައުންޓަށް 5 ލައްކަ ރުފިޔާ ޖަމާކުރެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.
އެ ބޭންކުން ބުނީ، ކަސްޓަމަރުންނަށް މެދުނުކެނޑި ހިދުމަތް ދިނުމުގެ ގޮތުން ރަސްމީ ދުވަސްތަކުގައި އަސާސީ ބޭންކިންގ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަސާސީ ހިދުމަތްތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމާއި، އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތް ދިނުމުގެ އިތުރުން އޭޓީއެމަށް ޖަމާ ކުރާ ބީއެމްއެލް ކެޗް ޕްރޮސެސް ކުރުން ހިމެނެއެވެ.
ހަމައެއާއެކު އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައް ކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންލް ޓްރާންސްފަރ ހިދުމަތާއި (އޭސީއެޗް އަދި އާތްޓީޖީއެސް) އެހެން ބޭންކުތަކުގެ ޗެކް ޕްރޮސެސް ކުރުމުގް ހިދުމަތް ލިބޭނެ ކަމަށް ބޭންކުން ބުނެއެވެ.