ޔުއެފާ ޔޫރޯގެ ގްރޫޕް އެފްގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަދި ހަންގޭރީ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ހަންގޭރީގެ ބުޑަޕެސްޓްގައި ކުޅުނު މި މެޗު ނިމިފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗާއި ކުރިމަތިލިއިރު ފުރަތަމަ މެޗްޑޭ ގައި ޖަރުމަނު ބަލިކޮށް ފްރާންސް އޮތީ ތިން ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. އަދި ހަންގޭރީ އޮތީ ޕޯޗުގަލް އަތުން ބަލިވެ ތާވަލުގެ ފުލުގައެވެ.

މެޗު ފެށިގެން ފްރާންސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން އުފެއްދި ހަމަލާތައް ހަންގޭރީގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ކުޅުން ކުރިޔަށްދިޔަ ވަރަކަށް ހަންގޭރީއިން ވެސް ކުޅުމުގެ ތެރެއަށް ވަދެ ހަމަލާ އުފައްދަން މަސައްކަތްކޮށްފައިވެއެވެ. މެޗުގެ ފުރަތަމަ ލަނޑު ވެސް ޖެހީ އެ ޓީމުންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ޖަހައިދިނީ އަޓިލާ ފިއޯލާއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ހަންގޭރީއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. އެހެން ނަމަވެސް ފްރާންސްއަށް ހަމަލާތަކުގެ ބޭނުން ހިފޭގޮތް ވެފައެއް ނުވެއެވެ. ދެވަނަ ހާފުގައި ކުޅެން ނުކުތް އުސްމާން ޑެމްބެލޭ ފޮނުވާލި ހަމަލާއެއް ވަނީ ދަނޑިއަށް އަމާޒުވެފައެވެ. ފްރާންސްއިން އެއްވަރުކުރީ 66 ވަނަ މިނެޓުގައެވެ. މި ލަނޑު ޖެހީ އެންޓޮއިން ގްރީޒްމަންއެވެ.

މި ގްރޫޕްގެ އެއްވަނާގައި މިވަގުތު ހަތަރު ޕޮއިންޓާއެކު ފްރާންސް އޮތް ނަމަވެސް މިރޭގެ ޕޯޗުގަލް އަދި ޖަރުމަނު ބައްދަލުކުރާ މެޗު ޕޯޗުގަލްއިން ކާމިޔާބުކޮށްފިނަމަ އެ ޓީމަށް އެ މަގާމު ގެއްލޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.