6 މެއި 2021 - ރައީސް މުހައްމަދ ނަޝީދަށް ހަމަލާދެވުނު ވަގުތު -- ފޮޓޯ: ފުލުހުން އާންމުކޮށްފައިވާ ވިޑިއޯ އިން ނެގިފައިވާ މަންޒަރެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުޤީޤަށް ފާރަވެރިވުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އުފައްދާފައިވާ "މޭ ހައެއް ކޮމެޓީ"ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީ އާއި ފުލުހުންނާ ސިފައިންނާ ބައްދަލުކުރަން ނިންމައިފި އެވެ.

"މޭ ހައެއް ކޮމެޓީ" އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމެޓީ ޗެއާ ކުރައްވާ ހަސަން އަފީފު ވިދާޅުވީ ފުލުހުންނާއި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއާ ބައްދަލު ކުރަން ބޭނުންވާކަން އެ ފަރާތްތަކަށް ޕާޓީ މެދުވެރިކޮށް މިހާރު އަންގާފައިވާ ކަމަށެވެ.

"241 ކޮމެޓީން ވިދާޅުވެފައި އޮތީ މި މަހުގެ 23 ފަހުންނޭ އެ ބޭފުޅުންނަށް ބައްދަލު ކުރެވެން އޮތީ. އެ ބޭފުޅުންގެ މަސައްކަތްތައްް މިވަގުތު ކުރިއަށް ގެންދާ ގޮތުން ވަރަށް ބުރަކޮށް މަސައްކަތް ގެންދަވަނީ. ފުލުހުންގެ ފަރާތުން އަދި އަޅުގަނޑުމެނަކަށް ޖަވާބެއް ނުލިބޭ،" އަފީފު ވިދާޅުވި އެވެ.

މިހާތަނަށް އެ ކޮމެޓީން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ހާމަކުރައްވަމުން އަފީފު ވިދާޅުވީ އަދި މަސައްކަތްތައް ފަށައި ގަނެވުނީ ކަމަށާއި މިހާރު ވަނީ މަސައްކަތްތައް ކުރިއަށް ގެންދާނެ ޓައިމްލައިން އެކުލަވާލާފައި ކަމަށެވެ.

މި ކޮމެޓީގައި އިންނަވާ ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވީ ސިފައިންނާއި ބައްދަލު ކުރުމަށް މިހާރު ނިންމާފައިވީ ނަމަވެސް ޑިފެންސް މިނިސްޓަރާ ވެސް ފަހުން ބައްދަލު ކުރާނެ ކަމަށެވެ.

ކުރީގެ ހޯމް މިނިސްޓަރުކަން ކުރައްވާފައިވާ އަފީފު ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއަކީ ހަމައެކަނި އެންމެ ފަރާތަކުން ދިން ހަމަލާއެއް ކަމަށް ބަލައިގެން ތަހްގީގުކުރާނަމަ އެކަމުގެ އެންމެ އަޑިއެއް ނުހޯދޭނެ އެވެ.

"އަޅުގަނޑުމެން ބަލަން ޖެހޭ މިކަމުގައި ދެން އުޅެނީ ކޮންބައެއްތޯ، ކޮން ބައެއްގެ އިންޓަރަސްޓްގައިތޯ މިކަން މި ކުރެވުނީ. މި ހުރިހާ ދިމާލަކުން ބަލައިގެން އަޅުގަނޑުމެނަށް މިކަން ކުރިއަށް ގެންގޮސްގެން އެންމެ އަޑިއަށް (ދޭވޭނީ). މިކަންތައް ކުރި ބަޔަކާ މިކަންތަކަށް ފަންޑުކުރި ބަޔަކާއި މިކަންތަކަށް އެހީތެރިވި ބަޔަކު ހޯދޭނީ،"  އަފީފު ވިދާޅުވި އެވެ.

ފަސް މެމްބަރުންގެ މައްޗަށް ހިމެނޭ މި ކޮމެޓީގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން އިންނަވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް ޝާޒްލީ ޝަފީގު އެވެ. އެހެން ނަމަވެސް އަފީފު ވިދާޅުވީ އެ ކޮމެޓީގައި ރައީސް ނަޝީދު ބޭނުންފުޅު ވަނީ އެމަނިކުފާނު ތަމްސީލް ކުރައްވަން ރާއްޖެއިން ބޭރުން ބޭފުޅަކު ގެންނަވާށެވެ. އަދި ވިދާޅުވީ ރައީސް ނަޝީދު މަސައްކަތްޕުޅު ކުރައްވަނީ ކޮމަންވެލްތްގެ ގައުމަކުން އެފަދަ ކަންކަމުގެ ތަޖުރިބާ ލިބިވަޑައިގެންފައި ހުންނެވި ބޭފުޅަކު ގެނައުމަށް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.