ޖަލުގެ ތޭރިތަކުން ނިކުމެ, މަކަރާއި ހީލަތް އާންމު މުޖުތަމައު ތެރެއަށް!

މުއައްސަސާތަކުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައިވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އަންނަނީ ފަތުއަޑު ކިޔާފަ، އިތުރުވަމުންނެވެ. މަކަރާއި، ހީލަތުން ހިންގާ ކަންކަމުގެ ލިސްޓުވެސް ދިގުވެ، މައުސޫމް އެތައް ބަޔެއްގެ މުޅި ދިރިއުޅުން ބިމާ ހަމަކޮށްލަނީވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ. އެގޮތުން ބޭންކުތަކާއި، ކުންފުނިތަކުގެ ނަމުގައި އެކި އެކި މީހުންނަށް ގުޅައިގެން މަކަރުވެރިކަމާއެކު ފައިސާ ހޯދުމާއި، ފިހާރަތަކުން މުދާ ގަތުމަށްފަހު މަކަރާ ހީލަތުން ފައިސާ ދެއްކުމުގެ މުއާމަލާތް އޮޅުވާލަނީވެސް މަދެއް ކޮށެއް ނޫނެވެ. ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގައިވެސް އެ މީހުން ތިބެނީ އެންމެ ކުރީގައިކަމަށް ބުނެވިދާނެ އެވެ.

މަގުމަތީގައި ސަލާން ޖަހަން ތިބޭ ބައެއް މީހުން، އެކަންވެސް ކުރަނީ މަކަރާ ހީލަތުން އޮޅުވާލައިގެންނެވެ.

މުއައްސަސާތަކުގެ މައުލޫމާތުތައް ދައްކާގޮތުން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ފެންމަތިވާން ފެށީ މީގެ 10 ވަރަކަށް އަހަރު ކުރިންނެވެ. އޭރު އެކަން ކުރަމުން ދިޔައީ ރެންޑަމްކޮށް މީހުންނަށް ގުޅައިގެންނެވެ. ނަމަވެސް ޒަމާނާއެކު އެކަން ވެސް ކުރިއަރައި ރޭވުންތެރިކަމާއެކު އެކަން ކުރަމުން ދަނީ ފައިސާގެ ތަނަވަސްކަން ހުރި މީހުންނަށް އަމާޒުކޮށްގެންނެވެ.

އެންމެ ގިނައިން ފައިސާ ހޯދަނީ ފްރަޑް ކޯލްތަކުން

ބޭންކުގެ ނަމުގައި ކާޑުގައި މައްސަލައެއް ދިމާވެގެން، ނުވަތަ އެކައުންޓް ވެރިފައި ކޮށްލުމަށް ކަމަށް ބުނެ އާންމުންނަށް ގުޅާ، އޯޓީޕީ ކިޔައި ދިނުމަށް އަދި ފައިސާ ޓްރާންސްފާ ކުރުމަށް އެދޭ ވާހަކައަކީ އަބަދުމެ އިވެމުންދާ ވާހަކަތަކެވެ. މިފަދައިން ގުޅަނީ ހަމައެކަނި ބޭންކުގެ ނަމުގައެއް ނޫނެވެ. އެކި މީހުންގެ ނަމުގައާއި ފިހާތަކައި ޖަމްއިއްޔާތައް އަދި ކުންފުނިތަކުގެ ނަމުގައި ވެސް ގުޅައެވެ.

އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލައަށް ހޭލުންތެރިކަން އިތުރުކުރުމަށް ބޭންކުން ކުރިއަށްގެންދާ ކެމްޕޭންގެ ޕޯސްޓަރެއް

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، 2020 ވަނަ އަހަރު އެކަނިވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 226 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އަދި 2021 ވަނަ އަހަރު މިހާތަނަށް އެފަދަ 259 މައްސަލައެއް ހުށަހަޅާފައި ވެއެވެ.

މި މައްސަލަތަކުގައި ޖުމްލަ 7.4 މިލިއަން ރުފިޔާ އޮޅުވާލައިގެން އެކި މީހުން އަތުން ނަގާފައިވާއިރު، މީގެ ތެރެއިން 3.9 މިލިއަން ރުފިޔާއަކީ މިއަހަރު ތެރޭ ނަގާފައިވާ ފައިސާއެވެ.

ޑޮލަރުގެ މުއާމަލާތްތަކުގައި ވެސް މަކަރާއި ހީލަތް

މައުލޫމާތުތައް ދައްކާގޮތުން ޑޮލަރުގެ މުއާމަލާތްތައް ހިންގުމުގައި ވެސް ދަނީ މަކަރާއި ހީލަތް ހަދަމުންނެވެ. އެކަމުގައިވެސް ދިވެހިން އުޅެނީ ވަރަށް ކުރީގަ އެވެ.

މީހަކު ޑޮލަރުތަކެއް ގުނަނީ - މަކަރާއި ހީލަތުން ފައިސާ މާރުކުރުމުގެ ނަމުގައި މަކަރު ހަދާ މައްސަލަތައްވެސް އިތުރު

ފުލުހުންގެ ހިދުމަަތުގެ މައުލޫމާތުތައް ބުނާގޮތުން ވައިބަރ އަދި ޓެލެގްރާމް ގްރޫޕްތަކުގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާއިރު، ޑޮލަރު ދޭނެކަމަށްބުނެ ދިވެހި ރުފިޔާ އަތުލުމަށްފަހު ޑޮލަރު ނުދޭ މައްސަލަތައް ހުށަހެޅޭ މިންވަރުވެެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން ޑޮލަރުގެ މުއާމަލާތްތަކާ ގުޅުންހުރި 72 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. ނިސްބަތުން ބަލާއިރު އެއީ ގިނަ އަދަދެކެވެ.

އެ މައްސަަތަކުގައި 1.4 މިލިއަން ރުފިޔާގެ ގެއްލުން އެކި މީހުންނަށް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މަކަރާއި ހީލަތް ހެދުމަށް ފޭކް ސްލިޕްތައް

ކޮވިޑްގެ ބަލިމަޑުކަމާއެކު ބޮޑު ބަދަލެއް ގެނައި ކަންކަމުގެ ތެރޭގައި ނަގުދު ފައިސާ ބޭނުންކުރުން މަދުކުރުން ހިމެނެ އެވެ. އެއާއެކު އިންޓަނެޓް ބޭންކިންގ އަދި ވިިޔަފާރކުރުމަށްފަހު ޓްރާންސަފަރ ކުރާ އުސޫލަށް ގިނަ ވިޔަފާރިތަކުން ހިދުމަތް ފަސޭހަކޮށްދިންނެވެ.

ފުލުހުންގެ ހިދުމަތުގެ މައުލޫމާތުތަކުން އެނގޭގޮތުގައި އެ ފަސޭހައިގެ ފައިދާވެސް ނެގީ ހީލަތްތެރިންނެވެ. އެގޮތުން ފިހާރަތަކުން މުދާ ގަތުމަށްފަހު ސައްހަނޫން ސްލިޕް ފޮނުވަމުންދާ މައްސަލަތައް ވެސް މިހާރަަށް އައިސް ވަނީ ގިނަ ވެފައެވެ. މިފަދަ މައްސަލަތުގައި މަކަރުވެރިން ފުރަތަމަ ފިހާރައަށްގޮސް ތަކެތީގެ އަގު ބަލައި އެނބުރިގޮސް ދެން އަލުން ފިހާރައަށްދަނީ އެ އަގުތައް ހިމަނައިގެން ސައްހަނޫން ސްލިޕް ތައްޔާރު ކޮށްގެންނެވެ. އަދި ފިހާރައިން ތަކެތި ނެގުމަށްފަހު، މަކަރުވެރިޔާ ތައްޔާރުކޮށްގެން ދިޔަ ސައްހަނޫން ސްލިޕް ފިހާރައިގެ ނަމްބަރަށް ވައިބަރ ކުރާކަމަށް ވެއެވެ.

ފިހާރައެއްގެ ކައުންޓަރުން ހިދުމަތްދެނީ

މިފަދަ ކަންކަމުން ރައްކާތެރިވުމަށް ފިހާރަތަކުންވެސް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ތަކެތި ހަވާލުކުރުމުގެ ކުރިން އެ ފައިސާ ފިހާރައިގެ އެކައުންޓަށް ޖަމާވެފައި ހުރިތޯ ޔަގީންކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.

މޫތައް ޖަލުގެ ތޭރިތަކު ތެރޭ!

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ ފޯނު ކޯލްތަކަކީ ޖަލު ތެރެއިން ކުރާ ފޯނު ކޯލްތަކެއް ކަމަށް ބުނާ އަޑު އަބަދުވެސް އިވެއެވެ. ޖަލުން ކުރާ އެފަދަ ކޯލު ތަކުގައި ބޭނުންކުރާ ނަމްބަރުތަކަކީ ބިދޭސީންގެ ނަމުގައި ނަގާފައި ހުންނަ ނަންބަރުތަކެވެ. އެގޮތުން އެކަކުގެ ނަމުގައި 800 ވަރަކަށް ނަންބަރު ނަގާފައި ވެސް ހުރެދާނެއެވެ.

މިއީ އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައާއި މައްސަލައިގައި ހިމެނޭ މީހުން ދެނެގަތުމުގައި ފުލުހުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ދައްޗެވެ. ކަން މިހެން އޮތުމާއެކު މިފަދަ މައްސަލަތަކުގައި ހިމެނޭ ފައިސާތައް އަނބުރާ ހޯދެނީވެސް މަދު މައްސަލަތަކެއްގައި ކަން ފުލުހުން ފާހަގަ ކުރެއެވެ.

ފުލުހުން ބުނީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅަމުންދާ މައްސަލަތައް މާފުށީ ޖަލުގެ އިތުރުން މިހާރު ޅ. އަތޮޅާއި ލ. އަތޮޅު އަދި އައްޑު އަތޮޅުގައިވެސް އިތުރުވަމުންދާ ކަމަށެވެ. އަދި އެކަމުގައި ހަރަކާތްތެރިވަމުން ދަނީ ޖަލުން މިނިވަން ވެފައިވާ މީހުން ކަމަށް ފުލުހުން ފާހަގަކޮށްފައި ވެއެވެ.

އެގޮތުން ކާޑުގެ މައުލޫމާތު ހޯދުމަށް ބެންކުން ނުވަތަ އެހެން އޮފީހަކުންވެސް ނުގުޅާނެކަން ހަނދާނުގައި ބެއްޓުމަށް އަބަދުމެ ދަނީ އިލްތިމާސް ކުރަމުންނެވެ. އަދި ކާކުކަން ނޭނގި ފައިސާގެ މުއާމަލާތްތައް ނުކުރުމަށާއި ކާޑުގެ މައުލޫމާތު ހިއްސާނުކުރުމަށާއި ކާޑުގެ މައުލޫމާތު އޮޅުންފިލުވާ ހިސާބުން ދެން އިތުރަށް އެމީހަކާ މުއާމަލާތް ނުކުރުމަށް ވެސް ފުލުހުންނާއި ބޭންކުން އިލްތިމާސްކުރެއެވެ.

ކޮންމެ މީހަކުވިޔަސް ފައިސާގެ ބޮޑެތި މުއާމަލާތުތައް ކުރާއިރު އެއީ ކާކުކަން ނުވަތަ ކޮންބައެއްކަން ދެނެގަތުމަށާ އަދި އެ މުއާމަލާތުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

0
0
0
0
1

ކޮމެންޓް

Your email address will not be published.

0 %