ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތައް ޕްރޮޖެކްޓް ސައިޓަށް ގެނެސްފިއެވެ.
އެމްޓީސީސީން ބުނީ، އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށިލާން ބޭނުންވާ ކޮންކްރީޓް ބްލޮކްގެ ދެވަނަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު އެމްޓީސީސީން ބުނީ، އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާއިރު، ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ 98 އިންސައްތަ ނިންމާލެވިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްގެ ދެވަނަ ޝިޕްމަންޓް މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި. މި މަޝްރޫޢުއަކީ 48.5 މިލިއަން ރުފިޔާގެ މަޝްރޫޢެއް.#MTCCProjects pic.twitter.com/qF8ylSDtPQ
— MTCC Plc (@MTCCPlc) June 19, 2021
ޖުމްލަ 48.5 މިލިއަން ރުފިޔާ ހަރަދުވާ މި މަޝްރޫޢުގެ ދަށުން 284 މީޓަރ ބޭރުތޮށި ހެދުމާއި، 178 މީޓަރ ރިވެޓްމަންޓް ޖެހުމުގެ އިތުރުން 120 މީޓަރ ގްރޯއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 95 މީޓަރ އެއްގަމު ތޮށި ހެދުމާއި، 4581.50 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ އިތުރުން 2 ނެރު ބައްތި ވެސް ޖަހާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މީގެއިތުރުން އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން ބަނދަރުގައި 27 ބައްތި ޖެހުމާއި، ރޭމްޕެއް ހެދުމާއި 2 މޫރިންގ ބްލޮކްސް ބެހެއްޓުމުގެ އިތުރުން އެއްގަމު ތޮށިން ބޭރުތޮށްޓަށް އެރުމަށް ވޯކްވޭއެއް ހެދުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށެވެ.