އެމްޑީއޭން އުވާލުމަށް ގޮވާލާ މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ ނަފްރަތު އަމަލުތައް ކުށަކަށް ހެދުމަށް ތާއީދުކޮށް ޕެޓިޝަނެއް ފަށައިފި އެވެ.

އޮންލައިންކޮށް ކުރިއަށްގެންދާ ޕެޓިޝަން ޓުވީޓްކޮށް، ރައީސް ނަޝީދު ވަނީ ނަފްރަތުގެ އަމަލުތައް ކުށަކަށް ހެދުމަށާއި، މީހުން ލޭބަލްކުރުމާއި ދެކޮޅަށް ޕެޓިޝަންގައި ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ.

ޕެޓިޝަންގައި ގޮވާލައިފައިވަނީ ލާދީނީ ޓެގް އެޅުވުމާއި، ކުފުރުވެފައިވާކަމަށް ބުނެ މީހުން ލޭބަލްކުރުން ހުއްޓުވުމަށެވެ. ޕެޓިޝަންގައި އެދިފައިވަނީ އެކަމަކީ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ނިންމާ ކަމަކަށް ހެދުމަށެވެ. ލާދީނީ ޓެގް އެޅުވުމާއި، އަނެކާ އަކީ ކުފުރުވެފައިވާ މީހެއްގެ ގޮތުގައި ލޭބަލްކުރުމުގެ ނާތީޖާއެއްގެ ގޮތުން ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެކި ލޭ އޮހޮރުވުންތައް ރާއްޖޭގައި ހިނގާގޮސްފައިވާކަމަށް ޕެޓިޝަންގައިވެއެވެ. އަދި އެކަމުގެ ސަބަބުން އެތަކެއް ރައްޔިތުންނެއް ނުރައްކަލުގެ ތެރޭގައި ތިބިކަމަށް ޕެޓިޝަންގައިވެއެވެ.

ޕެޓިޝަންގައި ބުނެފައިވާގޮތުން ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަކީ ރާއްޖޭގައި ހައްދުފަހަނަ އެޅުން ކޮންޓްރޯލުން ނެއްޓިފައިވާކަމުގެ ހެއްކެކެވެ. އަދި ހައްދުފަނަ އަޅާފައިވާ ވިސްނުމުގެ ފަރާތްތައް، އެ މީހުންގެ ޕްރޮޕެގެންޑާ ފަތުރުމަށް ބޭނުންކުރާ އެއް ހަތިޔާރަކީ މީހުން ލާދީނީކަމަށް ޓެގްކުރުންކަމަށް ބުނެ ޕެޓިޝަންގައިވަނީ އިސްލާމް ދީނަކީ އަމާންކަމާއި، ސުލްހައިގެ ދީނެއްކަމަށް ބުނެފަ އެވެ.

ޕެޓިޝަންގައި ވަނީ ސަރުކާރުގެ ފަރާތުން ޤާނޫނުލްއުޤޫބާތުގައި ނަފްރަތުގެ ކުށް ހިމެނުމަށް ހުށަހަޅާފައިވާ ބިލަށް ތާއީދުކޮށްފަ އެވެ. އަދި މިއަދު މިކަމަށް ހައްލެއް ނުގެނެސްފިނަމަ، ފަސް އަހަރު ދަރިފުޅު މީގެ 10 އަހަރު ފަހުން ދިރިއުޅެންޖެހޭނީ ވަރަށް އުނދަގޫ ދިރިއުޅުމެއްކަމަށް ޕެޓިޝަންގައިވެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ދީނީ އިލްމްވެރިން އަންނަނީ ވާހަކަދައްކަމުންނެވެ. އަދި އެ ބިލްގެ ސަބަބުން ދީނީ އިލްމް ފެތުރުމަށް އޮތް ފުރުސަތު ބަންދުވެ، އިލްމްވެރިންގެ ބުނެފައިވަނީ އެ ބިލަކީ އިސްލާމްދީނާއި ދެކޮޅު ބިލެއްކަމަށެވެ.

މަޖިލީހުން ވަނީ ބިލް ބަލައިގެންފަ އެވެ. އަދި މިވަގުތު ބިލް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީންނެވެ. ކޮމެޓީން ވަނީ ބިލަށް ހުޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.