ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސެކއިުރިޓީ ފެއިލްވިގޮތުގެ އިންކުއަރީއަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީ (241 ކޮމެޓީ) އިން މިހާތަނަށް ވަނީ ފުލުހުންނާއި ސިފައިންގެ އިސްވެރިން ވެސް ހާޒިރުކޮށް ސުވާލުކޮށްފަ އެެވެ.
އިމްރާން ހާޒިރުކޮށްފައިވަނީ އޭނާއަކީ ފުލުހުންގެ މުއައްސަސާގެ ކަންކަމާއި ހަވާލުވެ ހުންނަވާ ވަޒީރަ ކަމަށްވާތީ އެވެ. މީގެކުރިން ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދުވެސް ވަނީ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއްކަމަށް ފުލުހުން ވަނީ ކަނޑައަޅާފަ އެވެ. އަދި އެ ހަމަލާއަކީ ސީދާ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއެއްކަމަށްވެސް ކަނޑައަޅާފައިވެއެވެ.
ކޮމެޓީގެ މުޤައްރިރު މުހައްމަދު އަސްލަމް އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މި އިންކުއެރީއަށް ބޭނުންވާ މައުލޫމާތު އެކިއެކި މުއައްސަސާތަކުންނާއި އެކިއެކި ފަރުުދުންގެ ފަރާތުން ލިބެންވާނެކަމަށް ގަބޫލު ކުރައްވާކަމަށެވެ. އަދި މިހާތަނަށް މި އިންކުއެރީއަށް ފުލުހުންނާއި، ސިފައިން އަދި އެހެނިހެން ވުޒާރާތަކުގެ އެއްބާރުލުން ލިބެމުންދާކަން އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިފަދަ އިންކުއުރީއެއް ހިންގާ މިއީ ފުރަތަމަ ފަހަރު ކަމަށާއި އަލަށް ކަންކަން ކުރާއިރު މުއާމަލާތް ކުރުމުގައި މައްސަލަތަކެއް ދިމާވެދާނެކަމަށް ގަބޫލުކުރަންޖެހޭކަމަށެވެ. އަދި ދިމާވާ ބައެއް ކަންކަންމާއި، އިދާރީ މައްސަލަތައްވެސް ހުންނާނެ ކަމަށެވެ. ނަމަވެސް އެކަންކަން ބަލަން އުޅުމަށްވުރެ އިންކުއަރީ ކުރިއަށްގެންދިއުން މުހިންމުކަމަށް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވަނީ އިންކުއަރީ ނިމި ނެރޭ ރިޕޯޓަކީ ފުރިހަމަ ރިޕޯޓަކަށްވާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.