ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުޤީޤަށް ފާރަވެރިވުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އުފައްދާފައިވާ "މޭ ހައެއް ކޮމެޓީ" އިން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.
މިއީ މި ކޮމެޓީ އުފެއްދި ފަހުން ބާއްވާ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ. މިބައްދަލުވުން އޮންނާނީ މިއަދު ހަވީރު 4.00 ގައި އޮންލައިންކޮށެވެ.
މި މަހުގެ 10 ވަނަ ދުވަހު "މޭ ހައެއް ކޮމެޓީ" ނަމުގައި ކޮމެޓީއެއް އުފެއްދީ އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްގެނެވެ. އެ ކޮމެޓީ އުފެއްދުމަށް ޤައުމީ މަޖިލީހުގެ 100 މެމްބަރަކު ވޯޓުދެއްވި އެވެ.
މި ކޮމެޓީގައި ފަސް މެމްބަރުން ތިއްބަވަ އެވެ. އެއީ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން މެމްބަރަކާއި، ވިލުފުށީ ދާއރާގެ މެންބަރު ހަސަން އަފީފް އާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު އާއި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް އެވެ.
ބުރާސްފަތި ދުވަހުގެރޭ ކޮމެޓީގެ މަސައްކަތްތަކުގެ މައުލޫމާތު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާއި ހިއްސާކުރަމުން ކޮމެޓީ ޗެއަރ ކުރައްވާ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ކޮމެޓީން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީ (241 ކޮމެޓީ) އާއި ފުލުހުންގެ ހިދުމަތާއި ބައްދަލުކުރުމަށް އެދިފައިވާނެކަމަށެވެ. އޭގެތެރެއިން 241 ކޮމެޓީން މި މަހުގެ 23 ގެ ފަހުން ބައްދަލުކުރާނެކަމަށް ބުނެފައިވާކަމަށް އަފީފް ވިދަޅުވި އެވެ.