ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން (އޫޔޫ) ގުޅިގެން ބާއްވާ ފަސްވަނަ އޫޔޫ-މޯލްޑިވްސް ޕޮލިސީ ޑައިލޮގް 23 ނޮވެމްބަރުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ހާމަކޮށްފައިވާ ގޮތުގައި މި ފަހަރުގެ ބައްދަލުވުން ކުރިއަށްދާނީ ވަރޗުއަލްކޮށެވެ. މި ބައްދަލުވުމުގައި، ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލާނެއެވެ. އަދި ކޮވިޑްގެ މި ހާލަތުން އަރައިގަނެ، މުސްތަގްބަލުގައި އިތުރަށް ރަނގަޅުކުރުމަށް ސަރުކާރުން ކުރާނެ ކަންތައްތައް އީޔޫއާ ދިވެހި ސަރުކާރުން ހިއްސާކުރާނެއެވެ.

މީގެއިތުރުން، މަސްވެރިކަމުގެ ސިނާއަތް، ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތައް، ޓްރޭޑް އާއި އިންވެސްޓްމެންޓް، ފައިނޭންސް، ޑިމޮކްރަސީ، ގަވަނެންސް، އިންސާނީ ހައްގުތައް އަދި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރާނެއެވެ. ފޮރިން މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި، ޝެންގަން ވިސާ ފަސޭހައިން ދިވެހިންނަށް ލިބޭނެ ގޮތްތަކާއި ގުޅޭ ގޮތުންވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

ދިވެހިރާއްޖޭގެ ފަރާތުން ފަސްވަނަ އޫޔޫ-މޯލްޑިވްސް ޕޮލިސީ ޑައިލޮގްގައި ބައިވެރިވާ ވަފްދުގެ އިސްކޮށް ހުންނަވާނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދުއެވެ. އެމަނިކުފާނުގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ބައިވެރިވާ ވަފްދުގައި އެންމެ އިސްކޮށް ހުންނަވާނީ އީޔޫގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއެވެ. 

އޫޔޫ-މޯލްޑިވްސް ޕޮލިސީ ޑައިލޮގް އަކީ ކޮންމެ އަހަރަކުވެސް އެއް ފަހަރު ބާއްވާ ބައްދަލުވުމެކެވެ. މިއީ ދިވެހިރާއްޖެއާއި އީޔޫއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. އީޔޫ އާއި ރާއްޖެ ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތައް ބަލައި އެ ދާއިރާތަކުން މަސައްކަތް ކުރުމަށްޓަކައި ސީނިއާ އޮފިޝަލުންގެ މީޓިންގ ތަކެއްވެސް ކޮންމެ އަހަރަކު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ފުރަތަމަ ބައްދަލުވުން ބޭއްވުނީ މި އަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ދިވެހިރާއްޖޭގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.