މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް އެއާޕޯޓްގެ ޓާމިނަލް ބޮޑުކުރުމަށް ކޮންސަލްޓެންސީގެ ހިދުމަތްދޭނެ ފަރާތެއް ހޯދުމަށް އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފި އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަނީ އައިލެންޑް އޭވިއޭޝަނުންނެވެ.
އެ ކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތުގެ ކޮންސަލްޓެންސީގެ ހިދުމަތްދޭން ފަރާތެއް ބޭނުންވާކަމަށެވެ. ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދިނުމަށް އެދެވޭނީ ހަމައެކަނި ދިވެހިންނަށްކަމަށް އިއުލާންގައިވެއެވެ.
އިއުލާންގައިވާގޮތުން ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން އެކަމަށް އެދި ހުށަހަޅަންޖެހޭނެ އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް ބޮޑުކުރުމަށް ކޮންސަލްޓެންސީގެ ހިދުމަތްދޭނެ ފަރާތެއް އައިލެންޑް އޭވިއޭޝަނުން ހޯދާއިރު ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ބޮޑުކުރުމުގެ މަސައްކަތް މިއަހަރު މެދުތެރޭގައި ފަށާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިހާދު ވަނީ ވިދާޅުވެފަ އެވެ.
މާޗު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާދު ވިދާޅުވީ މިހާރު މާފަރު އެއަރޕޯޓުގެ ރަންވޭ އަށް ޖެއްސެނީ ކުދި ބޯޓުފަހަރަށް އެކަނި ކަމަށެވެ. ބޮޑެތި އެއަރކްރާފްޓުތަކަށް ޖެއްސޭނީ ރަންވޭ ބޮޑުކޮށްގެންކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ މަޝްރޫއު މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.
އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަހަރުގެ ޖުލައި ތެރޭގައި ރަންވޭގެ ލެންތު އިތުރުކުރުމުގެ މަސައްކަތް ފެށޭނެ. ފެށިގެން މިއަހަރުގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދުކުރަނީ.
މިހާދު ވިދާޅުވީ ރަންވޭ ބޮޑުކުރެވިގެން ދިއުމާއި އެކު އީސްޓަރން ޔޫރަޕުންވެސް މާފަރަށް ދަތުރުތައް ފެށޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.