ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ދެމެހެއްޓުމުގައި ސަރުކާރާއެކު ދެމި އޮންނާނަން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމް.އާރް.އެމް)އިން ބުނެފިއެވެ. އެ ޕާޓީއިން މިހެން ބުނެފައިވަނީ އެއް އަހަރު ފުރުމާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

އެގޮތުން، އެމް.އާރް.އެމް އުފެދިގެން އައީ ގައުމީ މުހިންމު އިސްލާހީ މަސައްކަތެއްގެ ތެރެއިން ކަމަށް ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެ ޕާޓީގެ އެންމެ މުހިންމު އަސާސްތަކަކީ އިސްލާމީ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމެވެ. 

މީގެއިތުރުންވެސް، 3 ބާރު ވަކިވެފައިވާ ނިޒާމެއްގެ ދަށުން، އަދުލު އިންސާފު ކަށަވަރުކޮށް، ވައްކަމާއި ކޮރަޕްޝަން ހުއްޓުވައި، އިންސާނީ ހައްގުތައް ރައްކާތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަކީވެސް އެ ޕާޓީގެ އަސާސްތަކެވެ. އަދި، އަންހެނުންނާއި ކުޑަކުދިންނާއި، ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށްވެސް އެ ޕާޓީއިން އިސްކަމެއް ދޭކަން ވަނީ ފާހަގަކޮށްފައެވެ.

އެމް.އާރް.އެމް އިން ބުނެފައިވާ ގޮތުގައި، މި އަސާސްތައް މަތީ ދެމިއޮވެ، ގައުމާއި ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ގޮތަށް އެ ޕާޓީއިން އަބަދުވެސް މަސައްކަތްކުރާނެއެވެ. ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގައި ސަރުކާރާއެކު ދެމި އޮންނާނެއެވެ. އެމް.އާރް.އެމް އިން ފާހަގަކޮށްފައިވާ ގޮތުގައި، ރައީސް ޞާލިހު އިންތިހާބު ކުރުމުގައި އެ ޕާޓީއިން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާނެއެވެ.

އެމް.އާރް.އެމް އަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޕާޓީއިން ވަނީ އެ ޕާޓީގެ މެންބަރުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ވަކިން ހާއްސަކޮށް އެގްޒެކެޓިވް ކޮމިޓީއާއި، އަންހެނުންގެ ކައުންސިލާއި ޒުވާނުންގެ ކައުންސިލުގެ ހީވާގި މެންބަރުންނަށް ޝުކުރު އަދާކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.