ސަރުކާރުގެ އަމާޒަކީ ކޮންމެ ކުއްޖަކަށް ވެސް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދީ، އަމިއްލަޔަށް އިސްނަގައިގެން ދިރިއުޅެވޭނެ ފަދަ އުޖާލާ މުސްތަގުބަލެއް ހޯދައިދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއް ފައިސަލް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަސްދީގުކުރެއްވީ ކުޑަކުދިންނަކީ އަމިއްލަ ހައްގުތަކުގެ ދިފާއުގައި ނުވަތަ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ހޯދުމަށް ބަސްބުނެވޭ ފަދަ މަގާމެއްގައި ތިބި ބައެއް ނޫން ކަމުގައި ވާތީ އެ ކުދިންނަށް އެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ މަގު ކޮށައިދިނުމުގެ ގޮތުން ކަމަށެވެ.
ސަރުކާރުންނާއި ދައުލަތުގެ ބާރުތަކުން އިސްނަގައިގެން އެ ކުދިންގެ ހައްގުތަކުގެ ދިފާއުގައި ބަސްބުނެ، އެ ކުދިންގެ އަބުރަށާއި ކަރާމާތައް އުނިކަމެއް އައުން ނުވަތަ އެ ކުދިންގެ ދުޅަހެޔޮކަމަށް ގެއްލުމެއް ވެދާނެކަމަށް ހުޝިޔާރުވެ ސަމާލުވާން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީކަމަށް ފައިސަލް ވިދާޅުވިއެވެ.
މި ގާނޫނުތައް ވުޖޫދަށް އައުމަށްފަހު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ރާއްޖޭގައި ކުރެވޭ މަސައްކަތްތަކަށް މި ވަނީ ހަރުދަނާ އޮނިގަނޑެއް ލިބިފައި ކަމަށާއި، މި ގާނޫނުތަކުގައި ބަޔާންކޮށްފައިވާ މައިގަނޑު މަސްދަރުތަކާއި، އަސާސުތަށް ވަނީ ކުޑަކުދިންގެ ދުޅަހެޔޮކަމާއި އެ ކުދިންގެ ހައްގުތައް ރައްކާތެރިކުރެވޭނެކަން ކަށަވަރުކޮށްދީފައި ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަލިއަޅުއްވާލައްވަމުން ނައިބުރައީސް ވަނީ ރާއްޖޭގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަކީ އދ ގެ ކޮންވެންޝަން އޮން ދި ރައިޓްސް އޮފް ދަ ޗައިލްޑްގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއް ގޮތަށް އެކުލަވާލާފައިވާ ގާނޫނެއްކަން ފާހަގަކުރައްވާފައެވެ.
ދައުލަތުގެ އިދާރާތަކުން އެ ގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ، އެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ބާރުއެޅުމުގެ ގޮތުން ޗައިލްޑް ރައިޓްސް އޮމްބަޑްސްޕާސަންއެއްގެ އޮފީސް ވުޖޫދަށް ގެނެސް، އެ އޮފީހުން ސަރުކާރު ޒިންމާދާރުކުރުވައި، ގައުމީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރެވޭނެކަން ކަށަވަރުކުރުމަށް ލާޒިމްކޮށްފައިވާ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވި ގޮތުގައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާއިން މިއަދުވެސް ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނައެވެ. އަދި، މި އަސާސުތައް ކަރުދާހަށް ތިރިކުރުމާއި މި އަސާސުތައް ހަގީގަތުގައި ތަންފީޒުކުރުމަކީ ތަފާތު ދެ ކަމެއްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، ފަހުގެ ތާރީހަށް ބެލިކަމުގައިވިޔަސް ވަރަށް ގިނައިން ނޫސްތަކުގެ ސުރުހީތަކުން ކުޑަކުދިންގެ ހައްގުތައް ނިގުޅައިގަނެ އެ ކުދިންގެ ކަރާމާތައް އަރައިގަތުމާގުޅޭ ހިތާމަވެރި ހާދިސާތަކުގެ ވާހަކަ އިވެމުންދާކަމަށް ވިދާޅުވެ، މިއީ ކުރިމަތިލާން ޖެހިފައިވާ ހަޑިމުޑުދާރު ހަގީގަތެއްކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، މިފަދަ ކަންކަމާ ޒުވާނުން ފިކުރުކޮށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި މި ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމާ ދޭތެރޭ ވިސްނަންވެއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.