ހދ. ވައިކަރަދޫގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މިއަދު ހެނދުނު 8:45 ހާއިރު ވައިކަރަދޫ މޫދަށް އެރޭ ހިސާބުގައި މަރުވެފައި އޮއްވާ ފެނުނީ އުމުރުން 69 އަހަރުގެ މުހައްމަދު ނަޒީރު އެވެ.
ވައިކަރަދޫ ކައުންސިލް މެންބަރަކު ވިދާޅުވީ އޭނާގެ ހަށިގަނޑު ފުރަތަމަ ފެނިފައި ވަނީ އެ ސަރަހައްދަށް ކުނި އުކާލަށް ދިޔަ މީހެއް ކަމަށެވެ. އަދި މޫދާ ދިމާލުގައި ނަޒީރުގެ ހަށިގަނޑު ލައްގާފައި އޮތް ކަމަށް އެ މީހާއާ ހަވާލާދީ ކައުންސިލް މެންބަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ނަޒީރުގެ ހަށިގަނޑު ފެނުން އިރު އޭނާ މަސްބާނަން ގެންގުޅުނު ދޮއްޓެއް ވެސް ފެނުނެވެ.