ބްލޫ ޕެރަނޯމާ އެއާލައިންސްއިން އޮޕަރޭޓްކުރާ ލޫކް އެއާގެ ޗާޓަރ ފްލައިޓްތައް ޕޮލެންޑުން ދިވެހިރާއްޖެއަށް ފަށައިފިއެވެ.
ޕޮލެންޑުން ރާއްޖެއަށް އަލުން ޗާޓަރ ދަތުރުތައް ފަށާފައިވަނީ ބުރާސްފަތި ދުވަހު އެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ ޕޮލިޝް މާކެޓްގެ ޓުއާރ އޮޕަރޭޓަރ އިލާކާއާއި ދިވެހިރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ސަން އޯޝަންއާއި ގުޅިގެން ފަށާފައިވާ ޗާރޓަރ ފްލައިޓްގެ A330 ގެ އެއާކްރާފްޓް ހަފްތާއަކު އެއްފަހަރު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ދަތުރުތައް 2022 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
އެމްއެމްޕީއާރުސީން ބުނިގޮތުގައި ލޫކް އެއާގެ ފުރަތަމަ ޗާރޓަރ ފްލައިޓްގައި 297 ފަތުރުވެރިން ޕޮލެންޑުން ދިވެހިރާއްޖެއަށް ޒިޔާރާތް ކުރިއެވެ.
އެމްއެމްޕީއާރުސީން ވަނީ ޕޮލެންޑް މާކެޓަށް ރާއްޖެ އިޝްތިހާރު ކުރުމަށް އިނާކާ އާއި އެކު ޖޮއިންޓް ކެމްޕެއިނެއްވެސް ފަށައިފަ އެވެ. މި ކެމްޕެއިންގައި އިޝްތިހާރުތަކާއި ޑިޖިޓަލް ހަރަކާތްތަކެއް ކުރިއަށްދާކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ރާއްޖޭގައި ތަޖުރިބާކުރެވޭނެ ތަފާތު ކަންތައްތައް މި ކެމްޕެއިންގައި އަލިއަޅުވާލަމުން އަންނަކަމަށްވެސް އެމްއެމްޕީއާރުސީން ބުންޏެވެ.
މީގެ އިތުރުން ދިވެހިރާއްޖެއަކީ ގުދުރަތީގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ ޖަޒީރާ މަންޒިލަކަށްވުމުން ދިވެހިރާއްޖެއަކީ ދަތުރުފަތުރުކުރަން އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައިވެސް މި ކެމްޕެއިންގައި އިޝްތިހާރުކުރެވިގެންދާނެ އެވެ.
މި އަހަރުގެ ފެބުރުއަރީ މަހުގެ 19 ވަނަ ދުވަހު ލޮޓް ޕޮލިޝް އެއާލައިންއިން 290 ފަސިންޖަރުންނާއި އެކު ޗާރޓަރ ފްލައިޓް ވަނީ ފަށާފައެވެ. މި ޗާރޓަރ މި އަހަރުގެ މޭ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއައް ގެންދިޔައެވެ.
ޕޮލެންޑުން ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ ޑައިރެކްޓް ޗާރޓަރ ފްލައިޓްއެއް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ.