ނަފްރަތުގެ އަމަލުތައް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލް އުގޫބާތައް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ ބިލަށް ހިޔާލު ހުށަހެޅުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން އަދާލަތު ޕާޓީން، ޕޯޓަލްއެއް ޤާއިމްކޮށްފި އެވެ.
ނަފްރަތުގެ ބިލް މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ބިލް ވަނީ ފޮނުވާފަ އެވެ. އެ ކޮމެޓީން ވަނީ ބިލަށް ހިޔަލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ މި ބިލަށް އާއްމުންގެ ޚިޔާލު ހުށައަޅަން ބޭނުންވާ ފަރާތްތަކަށް އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ޖުޑިޝަރީ ކޮމިޓީގެ އީމެއިލް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވުމަށް އެ ކޮމިޓީން ވަނީ އެދިފައެވެ.
އަދާލަތު ޕާޓީން ބުނީ ބިލަށް ފަސޭހައިން އާންމު ރައްޔިތުންނަށް ހިޔާލު ހުށަހެޅޭ މަގު ތަނަވަސްކޮށްދިނުމުގެގޮތުން އެކަމަށް ޕޯޓަލްއެއް ޤާއިމްކޮށްފައިވާކަމަށެވެ. އަދި ޕޯޓަލްއަށް ފޮނުވާ ހިޔާލު ސީދާ ދާނީ މަޖިލީހުގެ އީމެއިލްއަށްކަމަށް އަދާލަތު ޕާޓީން ބުންޏެވެ.
އަދާލަތުން ވަނީ ޒިންމާދާރުކަމާއެކު ޕޯޓަލް ބޭނުންކުރުމަށް އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.
?Nafrathuge amalu huttuvumuge? bill ah Adhaalath Party ge memberunnaai, dhivehi rayyithunnah faseyhain khiyaal hushahelhumuge furusathu thanavaskohdhinumuge gothun, ekamah portal eh hulhuvaalan. Khiyaal fonuvvumah https://t.co/At6csyCubE ah ziyaaraiy kurevvaa! pic.twitter.com/9SnUEBA0lQ
— Adhaalath Party (@AdhaalathOffice) June 18, 2021
ޖުޑީޝަރީ ކޮމިޓީން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި އިސްލާމިކް މިނިސްޓްރީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަންގެ ލަފާ ހޯދުމަށް ވެސް ނިންމާފައެވެ. ކޮމިޓީން އަމާޒު ހިފާފައިވަނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ކުރިން މި ބިލުގެ މަސައްކަތް ނިންމާލުމަށެވެ.
މި ބިލު ސަރުކާރުން ހުށައެޅި މަގްސަދަކީ ނަފްރަތުގެ އަމަލަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމެވެ. އެހެންނަމަވެސް، ހިސާން މި ބިލު ހުށައެޅުއްވުމާއި އެކު އޭނާއަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެގެންދިޔައެވެ. ބައެއް ފަރާތްތަކުން ބުނަމުންދަނީ މި ބިލަކީ ލާދީނިއްޔަތު" ފެތުރުމުގެ މަގްސަދުގައި ހުށައެޅި ބިލެއް ކަމަށެވެ.
ދީނާއި ގުޅުވައިގެން ނަފްރަތު އުފެއްދުމުގެ އިތުރުން މި ބިލުގައި މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުމާއި ތަފާތުކުރުމަށް ގޮވާލާ، ހިތްވަރު ދިނުމަކީ ވެސް ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ހިމަނާފައެވެ.