ރައީސް އޮފީހުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމަށް 2011 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަދި ސޯލަރ ހަރުކުރުމުގެ މަސައްކަތްތާއި ހަވާލުވެތިބި ކުންފުނީގެ ބައެއް މުވައްޒިފުން -- ފޮޓޯ: ރައީސް އޮފީސް

އެކްސެލެރޭޓިންގ ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓައިނަބަލް އެނަރޖީ (އެރައިސް) ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި ސޯލަރ ހަކަތައިގެ ނިޒާމް ޤާއިމުކުރުމަށް ހުޅުވާލައިފި އެވެ.

ވާރލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ހިންގާ އެރައިސް ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި ޤާއިމްކުރުމަށް ނިންމާފައިވާ ސޯލަރ ހަކަތައިގެ ނިޒާމްގެ ދަށުން 11 – 14 މެގަވޮޓް ސޯލަރ ހަކަތަ އުފެއްދުމަށް ނިންމާފައިވެއެވެ.

މި މަޝްރޫޢަށް ޕްރީ-ކޮލިފިކޭޝަނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 9 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރީންނެވެ. މި މަޝްރޫއަށް ބިލަން ހުށަހެޅަންޖެހޭ ގޮތުގެ ތަފްސީލާއި އެކު މަޝްރޫޢުގެ މަޢުލޫމާތު މިނިސްޓްރީ އޮފް ފިނޭންސުން ވަނީ ގެޒެޓްގައި ޝާއިޢުކޮށްފައެވެ.

މަޝްރޫއުގެ ދަށުން ސޯލަރ ހަކަތައިގެ ނިޒާމް ޤާއިމްކުރާ ރަށްތައް:

  1. ގއ. ވިލިނގިލި
  2. ދ. ކުޑަހުވަދޫ
  3. ށ. ފުނަދޫ
  4. ޅ. ނައިފަރު
  5. ލ. ފޮނަދޫ
  6. ލ. ގަން
  7. ލ. ހިތަދޫ
  8. ލ. މާމެންދޫ
  9. ލ. ކުނަހަންދޫ
  10. ލ. މާބައިދޫ
  11. ލ. ދަބިދޫ
  12. ލ. މާވަށް
  13. ލ. އިސްދޫ
  14. ލ. ކަލައިދޫ

މިނިސްޓްރީން ބުނިގޮތުގައި 2021 އިން ފެށިގެން 5 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެރައިސް މަޝްރޫއިން ޖުމްލަ 36 މެގަވޮޓް ސޯލަރ ޕީވީގެ ނިޒާމް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭގެ އިތުރުން 40 މެގޮވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމާއި އެކު ސޯލާ އާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށްވެސް މަޝްރޫޢުގެ ތެރެއިން ރާވާފައިވެއެވެ. އެގޮތުން ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝްން ކޭބަލް ހިމެނޭގޮތަށް ޖުމްލަ 100 ކިލޯމީޓަރުގެ ކޭބަލް އެޅުމަށްވަނީ ރާވައިފައެވެ.

މިނިސްޓްރީން ބުނިގޮތުގައި ސަރުކާރުން ބޭރުގެ އެހީއާއެކު ހިންގާ މިފަދަ މަޝްރޫޢުތަކުގެ ބޭނުމަކީ ސަރުކާރުން ތެލަށްކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަރަންޓް އުފައްދުމެވެ. އަދި ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހަކަތައިގެ ދާއިރާއަށް ޚާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރުގެ ކުރިން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލުން 40 މިލިއަން ލިޓަރު ދަށްކުރުމާއި އަދި 2018 ގެ ނިސްބަތާއި އަޅާބަލާއިރު 2023 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޭނުންކުރާ މިންވަރު %20 އިތުރު ކުރުން ހިމެނެއެވެ.

އޭގެއިތުރުން ރާއްޖޭގެ ހަކަތައިގެ ދާއިރާއިން ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓްޒީރޯ އެމިޝަން ޤައުމަކަށް ހެދުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.