މާމަގެ ފަރާތުން ވާރުތަވާ ފައްޓަރު ބަޔަށް ވުރެ ޗައިނާއަށް އަގު ހުރީ ރާއްޖެއާ ދެމެދު އޮތް ގުޅުން ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭންގް ލީޖޮންގް ވިދާޅުވެއްޖެ އެވެ.
ޗައިނާ ސަފީރު މިހެން ވިދާޅުވީ ރާއްޖެއިން ޗައިނާއަށް ދޭން ޖެހޭ ދަރަނި އަދާ ކުރުމަށް މާމަގެ ފައްޓަރު ބައި ވިއްކާލަން ޖެހިފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެނެވެ.
ރާއްޖެ އާއި ޗައިނާގެ ގުޅުން ދިފާއު ކުރައްވާ އަބަދުވެސް ޓުވީޓް ކުރައްވާ ޖޭންގް ލީޖޮންގް މިއަދު ވިދާޅުވީ މާމަގެ ފަރާތުން ވާރުތަވެފައިވާ ގަހަނާތަކަކީ ވަރަށް އަގު ހުރި އެއްޗެހި ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އެއަށް ވެސް އަގެއް އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް ރާއްޖެއާއި ޗައިނާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުމަކީ އަގު ކުރެވޭނެ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ސަފީރު އިތުރަށް ވިދާޅުވީ ރާއްޖެއަށް އަބަދުވެސް އެހީވުމަށާއި ކުރިޔަށް އޮތްތަނުގައި ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ޗައިނާ އިން ތައްޔާރަށް ހުރި ކަމަށެވެ.
ޗައިނާއަށް ދައްކަން ޖެހޭ ދަރަނި ބޮޑުވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް، ރައީސް އޮފީހުން ބުނި ގޮތުގައި އެ ގައުމަށް ދޭން ޖެހޭ ގިނަ ލޯންތަކެއް ދެއްކުން ވަނީ ފަސްކޮށްފަ އެވެ.