ކޮވިޝީލް ވެކްސިން

އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށޭނެ ކަމަށް އުންމީދުކުރާ ކަމަށް މުޅި ދުނިޔެއިންވެސް އެންމެ ގިނައިން ވެކްސިން އުފައްދާ ގައުމު ކަމަށްވާ އިންޑިއާއިން ބުނެފިއެވެ.

އެސޯސިއޭޓެޑް ޕްރެސްއަށް ދިން އިންޓަވިއުއެއްގައި، އިންޑިއާގެ ކޮވިޑް-19 ޓާސްކްސްފޯސްގެ ހެޑް ޑރ. ވިނޯދް ކ. ޕައުލް ވިދާޅުވީ، ކޮވިޑް ވެކްސިން އެހެން ގައުމުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށަން ނިންމާފައިވަނީ، އިންޑިއާގެ އެކި ހިސާބުތަކަށް ބޭނުންވާ އަދަދަށް ވެކްސިން ފޯރުކޮށްދިނުމަށްފަހު ކަމަށެވެ.

ވިނޯދް ވިދާޅުވީ، އިންޑިއާއިން ބޭނުންވާ ވަރަށް ވެކްސިން އެގައުމުގެ ރައްޔިތުންނަށް ފޯރުކޮށްދީ، ވެކްސިން ފޯރުކޮށްދޭ ނިސްބަތަށް އަންނަ ބަދަލުތައް ބަލައި، އެ ގައުމަށް ބޭނުންވާ ވަރަށް ވެކްސިން ރައްކާކުރުމަށްފަހު އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. ނަމަވެސް ވެކްސިން ފޯރުކޮށްދޭން އަލުން ފެށޭނެ ކަމަށް އަންދާޒާ ކުރެވޭ ތާރީހެއް ބުނަން އަދި އަވަސް ކަމަށް ވިނޯދް ވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ ޖެނުއަރީގައި 90 އަށްވުރެ ގިނަ ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭން އިންޑިއާއިން ފަށާފައިވާއިރު، އެގައުމުގައި ދުނިޔޭގެ ނިސްބަތުންވެސް ގިނަ އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވުމާއި ގުޅިގެން އެ ގައުމު ވަރަށް ނާޒުކު ހާލަތަކަށް ވެއްޓުނެވެ. މިއާއެކު، ވެކްސިނަކީ އެ ހާލަތުން އަރައިގަންނަން އެގައުމުގެ ރައްޔިތުންނަށްވެސް މުހިންމު ވަސީލަތަކަށްވުމުން، މި އަހަރުގެ އެޕްރިލް މަހުގެ ތެރޭގައި ވެކްސިން ފޯރުކޮށްދިނުން ހުއްޓާލަން އެ ގައުމަށް މަޖުބޫރުވިއެވެ.

މިއާއެކު، އިންޑިއާއިން ވެކްސިން ލިބޭނެ ކަމަށް ބަރޯސާވެގެން ތިބި ގިނަ ގައުމުތަކަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހުނުއިރު، ބައެއް ގައުމުތަކުން ކުރިޔަށް ގެންދިޔަ ވެކްސިން ޕްރޮގްރާމްތަކަށްވެސް ވަނީ ހުރަސްތަކެއް އެޅިގެން ގޮސްފައެވެ.

އިންޑިއާގެ މި ނިންމުމާއި ގުޅިގެން ބައެއް ފަރާތްތަކުން އެގައުމަށް ވެކްސިން ނަހަމަގޮތުގައި ބޭނުންކޮށް، ވެކްސިން ހިފަހައްޓާ ކަމަށް ޝަކުވާކުރިއިރު، ނޭޕާލް އަދި ބަންގްލަދޭޝްއިން ވަނީ އެގައުމުތަކަށް ބޭނުންވާ ވެކްސިންގެ އަދަދު ފުރިހަމަ ކުރުމަށް ޗައިނާއާއެކު މަސައްކަތް ކޮށްފައެވެ.

Vaccine Maldives

ވެކްސިން ޖަހަން ސިއްހީ ހިދުމަތްތެރިންތަކެއް ހަރަކާތްތެރިވަނީ

އިންޑިއާގެ ސިރަމް އަކީ މުޅި ދުނިޔެއިންވެސް ވެކްސިން އުފައްދާ ކުންފުނި ކަމަށްވާއިރު، އެ ކުންފުނިން ބުނީ، އަލުން ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށޭނީ މި އަހަރު ފަހުކޮޅު ކަމަށާއި، މިވަގުތަށް އިންޑިއާ ފިޔަވައި އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުން މަޑު ޖައްސާލާފައިވާ ކަމަށެވެ.

ސިރަމްއަކީ ޔޫއެންގެ އެހީއާއެކު ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭން ފެށި ޕްރޮޖެކްޓް "ކޮވެކްސް" ގެ މައި ސަޕްލަޔަރ ކަމަށްވާއިރު، އެ ކުންފުނިން ވަނީ މިދިޔަ މަހުގެ ތެރޭގައި އެ ޕްރޮޖެކްޓުންވެސް ވަކިވިކަން އިއުލާންކޮށްފައެވެ.

އިންޑިއާއިން ލަފާކޮށްފައިވާ ގޮތުގައި އެގައުމުގެ އާބާދީގެ ބޮޑު ބަޔަކަށް މި އަހަރު ނިމޭ ހިސާބަށް ވެކްސިން ފޯރުކޮށްދީ ނިމޭނެއެވެ. އަދި މި އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަަލަށް 2 ބިލިއަން ޑޯޒް ސްޓޮކްގައި ލިބެން ހުންނާނެ ކަމަށްވެސް އެގައުމުން ލަފާކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.