ކުޑަކުދިންނަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް އެ ކުދިންގެ ޚިޔާލާއި ބައިވެރިވުން މުހިންމު ކަމަށް ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިގޮތަށް ވިދާޅުވީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހުގެ މުނާސަބާއާ ގުޅުވައިގެން އޮންލައިންކޮށް ބޭއްވި، ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގައި އެ ކުދިންގެ ބައިވެރިވުން ހޯދުމާ ގުޅޭ ކޮންސަލްޓޭޝަން ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ ކުޑަކުދިންނަށް ކުރިމަތިވާ މައްސަލަަތަކާއި މެދު ވާހަކަ ދައްކައި، ވަކާލާތުކުރުމުގެ ފުރުޞަތު އެ ކުދިންނަށް ލިއްބައިދިނުމަކީ މުޅި މުޖުތަމަޢުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ. މި ރަސްމިއްޔާތުގައި ސްކޫލުތަކުގެ ދަރިވަރުން ހުށަހަޅައިދިން ޕްރެޒެންޓޭޝަނާއި، ދިން މަޢުލޫމާތުގެ ފުރިހަމަކަށް ފާހަގަކުރައްވައި، އެ ކުދިންނަށް ފަސްޓް ލޭޑީ ތައުރީފް ކުރެއްވިއެވެ. އަދި، ޕްރެޒެންޓޭޝަންގައި ހުށަހަޅާފައިވާ މަޢުލޫމާތުގެ މައްޗަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން އެ ކަމަނާ ވަނީ، ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށްދޭ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. 

މީގެ އިތުރުން، މި ރޮނގުން އިތުރު ކުރިއެރުންތައް ހޯދުމަށް މައިންބަފައިންނާއި ބެލެނިވެރިންނަށް ޚާއްޞަކޮށްގެން ސްކިލް މެނޭޖްމަންޓް ޕްރޮގްރާމްތައް ހިންގަންޖެހޭ ކަމަށާއި، ސަޕޯޓް ގްރޫޕް ފަދަ ވަޞީލަތްތަކުގެ ބޭނުން ހިފުމުގެ މުހިންމު ކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. މިއަދު ޢަމަލުކުރަން ފެށި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ މައްޗަށް ވެސް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވަނީ، މިފަދަ ޕްރޮގްރާމްތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ކުޑަކުދިންނަށް ގޮވައިލައްވާ، އެ ކުދިންގެ ޙައްޤުތަކުގެ ދިފާޢުގައި ވާހަކަ ދައްކައި އަޑު އުފުލުމަށް ނަޞޭހަތްތެރިވެ ވަޑައިގަންނަވާފައެވެ. އަދި، ކޮންމެ ޙައްޤަކާއެކު ޒިންމާތަކެއް ވެސް އެ ކުދިންގެ ކޮނޑުގައި އެޅޭކަން ހަނދުމަކޮށްދެއްވާ، އެ ޒިންމާތަކަށް އެންމެ ފުރިހަމަ ގޮތުގައި އިޙުތިރާމު ކުރުމަށް ވެސް އެކަމަނާގެ ވާހަކަފުޅުގައި ކުޑަކުދިންނަށް ގޮވައިލެއްވިއެވެ. 

މިއަދަކީ ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހެވެ. މި ކޮންސަލްޓޭޝަން ޕްރޮގްރާމަކީ އެޑްވޮކޭޓިންގ ދި ރައިޓްސް އޮފް ޗިލްޑްރަން (އާރކް) އާއި ޔުނިސެފް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.