ދައުލަތުގެ އޮފީސްތަކުން ބެޖެޓްގައި ހިމެނޭ ޕްރޮގްރާމްތައް ހާސިލްކުރެވޭ މިންވަރު އަންނަ އަހަރުން ފެށިގެން މޮނިޓަރކުރަމުންދާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން އެގޮތަށް ބުނެފައިވަނީ 2022 އިން 2024 އަށް ލަަފާކުރެވޭ ބޭސްލައިން ބަޖެޓް ތައްޔާރުކޮށް ހުށަހެޅުމަށް، ދައުލަތުގެ އޮފީސްތަކަށް އަންގާ ނެރުނު ސަރކިއުލާގަ އެވެ.
ސަރކިއުލާގައި ބުނެފައިވާގޮތުން ބަޖެޓް ތައްޔާރުކުރުމާއި ތަންފީޒުކުރުން ހަރުދަނާކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުން ފެށިގެން ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ ޕްރޮގްރާމްތަކަށް ބަހާފައިވާ ބަޖެޓެއްގެ ގޮތުގަ އެވެ. އެގޮތުން ޕްރޮގްރާމްތަކުގެ އޮނިގަނޑު އޮފީސްތަކާ މަޝްވަރާކުރެވި މިހާރު ދަނީ ތައްޔާރުކޮށް ފައިނަލް ކުރެވެމުން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ބަޖެޓު އަދި ބޭސްލައިން ބަޖެޓް ތައްޔާރުކުރަންވާނީ މި ޕްރޮގްރާމް އޮނިގަނޑުގެ ތެރެއަށް ފައްތައިގެންނެވެ.
ބަޖެޓްގައި ހިމެނޭ ޕްރޮގްރާމް އޮނިގަނޑުގައި ޕްރޮގްރާމްތައް ހާސިލު ކުރެވޭ މިންވަރު އަންގައިދޭ ޕަރފޯމަންސް އިންޑިކޭޓަރުތައް ވެސް މި އަހަރުގެ ތެރޭގައި އޮފީސްތަކާއި މަޝްވަރާކުރެވި އެކުލަވާލެވޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އަދި ބަޖެޓު ތަންފީޒުވަމުންދާ ގޮތް މިނެކިރުމުގައި މި ޕަރފޯމަންސް އިންޑިކޭޓަރުތަކުގެ އަދާހަމަ އަންނަ އަހަރު މޮނިޓަރކުރަމުންދާނެކަމަށް މިނިސްޓްރީގެ ސަރކިއުލާގައިވެއެވެ.