މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފާއި ދެކޮޅަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން، ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ފޮނުވި މައްސަލައިގެ ބައެއް ކަންކަން ފުރިހަމަކޮށްފައިނުވާތީ، އެކަންކަން ފުރިހަމަ ކުރުމަށް އަންގައިފި އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ ޕީޖީ އެގޮތަށް އަންގަވާފައިވަނީ އެ މައްސަލާގައި މީގެކުރިން މި އަހަރުގެ ފެބުރުއަރީ މަހުގައި އިސްލާހްކުރުމަށް އެންގި ކަންކަން އިސްލާހްކޮށްފައިނުވާތީ ކަމަށެވެ. އޭގެއިތުރުން މައްސަލައިގެ ބައެއް ލިޔުންތައްވެސް ހިއްސާކޮށްފައިނުވާތީ، އެ ލިޔުންތައްވެސް ހިއްސާކުރުމަށް ޕީޖީ، އެންގެވިކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޖީގެ ފަރާތުން އެގޮތަށް އޭސީސީއަށް އަންގާފައިވަނީ ލިޔުމުންކަމަށްވެސް ޝަފީއު ވިދާޅުވި އެވެ.

މައްސަލައިގެ ބައެއް ކަންކަން ފުރިހަމަކުރުމަށް އޭސީސީއަށް އެންގިނަމަވެސް މައްސަލަ އަނބުރާ ފޮނުވާލައިފައިނުވާކަމަށް ޝަފީއު ވިދާޅުވި އެވެ. އެގޮތުން މައްސަލަ އޮތީ އަދިވެސް ޕީޖީ އޮފީހުގައިކަމަށް އޭނާ ވިދާޅުވި އެވެ.

މަހްލޫފްގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ އެމްއެމްޕީއާރުސީގ ހިޔާނާތުގެ މައްސަލާގަ އެވެ. އެގޮތުން މައްސަލައިގައި ތަހުގީގަށް ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރޭގައި މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ލިބިފައިވާ ކަން އެނގޭ ކަމަށް އޭސީސީއިން ހާމަކޮށްފައިވެއެވެ.

މަހްލޫފް ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ. އެގޮތުން މަހްލޫފް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ފެށުނު ހިސާބުން ފެށިގެން ވެސް އޭނާއާ މެދު އަމަލުކުރަމުންދަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް ކަމަށެވެ. އަދި އެކަން ކުރަމުންދަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަން އެންމެ އިސްވެރިންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މަހްލޫފް ވިދާޅުވާގޮތުގައި އެކަން ކުރަމުންދާ ހަމައެކަނި ބޭނުމަކީ މަގާމުން ވަކިކުރުން ކަމަށެވެ. އެހެން ނަމަވެސް މަގާމުގައި ބަގުޑި ބައްދައިގެން ހުންނަން ނޫޅުއްވާ ކަމަށް ވިދާޅުވެ މަހްލޫފް ވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ވެސް ގޯސް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެސްއީޒެޑްގެ ބިލަށް ވޯޓު ދިން އިރު ހުންނެވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން ވޯޓު ދީފައިވަނީ ޕީޕީއެމްގެ ތްރީ ލައިން ވިޕާއި އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަރުބަލިވެއްޖެ، އަޅުގަނޑަށްވެސް އަބަދު އަނގަބަންދުކޮށްގެން ނުހުރެވޭނެ

އޭސީސީން މައްސަލާގައި ދައުވާކުރުމަށް، ޕީޖީއަށް ފޮނުވުމާއި ގުޅިގެން މިނިސްޓަރުކަމުން މަހްލޫފް ވަނީ އެކަހެރިކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.