ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތައް މިއަދު ހުޅުވިގެންދިޔަ ހއ. ހޯރަފުށީ އެއާޕޯޓަކީ އިހަވަންދިއްޕޮޅު ތަރައްގީ ކުރުމުގެ ފެށުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހޯރަފުށީ އެއާޕޯޓްއަކީ އިހަވަންދިއްޕޮޅު ރައްޔިތުން ކުރި ދިގު އިންތިޒާރެއްގެ ނިމުން ކަމަށާއި އެ އަތޮޅުގެ ގިނަ ރަށްތަކަށް ތަރައްގީ ގެނެސްދޭނެ ވަސީލަތަކަށް ވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ މަޝްރޫއަކީ ރާއްޖެ ލާމަރުކަޒީ ކުރުމުގެ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

"މިއީ މުޅި އިހަވަންދިއްޕޮޅުގެ ތަރައްގީގެ ފެށުން. ތުރާކުނާއި އުލިގަމާއި މޮޅަދޫއާއި، އިހަވަންދޫ އާއި ތަކަންދޫ މާރަންދޫގެ ރައްޔިތުން ވެސް އުންމީދު ކުރަމުން އައި ތަރައްގީ ގެނެސްދޭނެ ވަސީލަތް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހޯރަފުށީ އެއާޕޯޓް އެޅުމާއެކު އެ ސަރަހައްދުގެ ޓޫރިޒަމްއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އަދި މިއީ ރަށު ޓޫރިޒަމް ވެސް ފަށަންވީ ވަގުތު ކަމަށާއި ފަތުރުވެރިކަމަށް ދޫކުރާނެ ބިންތައް ކަނޑައަޅާފައިވާނެ ކަމަށް ވެސް ރައިސް ވިދާޅުވި އެވެ. އަދި އެ ބިންތައް ވީހާވެސް އަވަހަށް ދޫކުރުމުގެ މަސައްކަތް ކުރުމަށް ރައީސް ވަނީ ހޯރަފުށީ ކައުންސިލަށް ވެސް ގޮވާލައިފަ އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ހޯރަފުށީ އެއާޕޯޓް އެޅުމުން އެ ރަށު ރައްޔިތުންނަށް ވެސް ވަރަށް ފައިދާ ކުރާނެ ކަމަށާއި އެގޮތުން ގިނަ އަދަދަށް ވަޒީފާގެ ފުރުސަތު ވެސް ހުޅުވިގެންދާނެ ކަމަށެވެ. 

ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއެއް އަދި ޓެކްސީވޭއެއް ތަރައްގީކޮށްފައިވެ އެވެ. މީގެ އިތުރުން 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާއެކްސެސް މަގަކާއި 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ ފެންސް ޖަހާފައިވެ އެވެ.

މި މަޝްރުއަކީ 198 މިލިއަން ރުފިޔާ ހޭދަކޮށްގެން ސަރުކާރުން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.