ތިން އަހަރަށް (2022 އިން 2024 އަށް) ލަފާކުރާ މެދުރާސްތާ ބަޖެޓްގައި ހިމެނުމަށް ބޭނުންވާ ބޭސްލައިން ބަޖެޓް ތައްޔާރުކޮށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ދައުލަތުގެ އިދާރާތަކަށް އަންގައިފި އެވެ.
ބޭސްލައިން ބަޖެޓް ތައްޔާރުކޮށް ހުށަހެޅުމަށް އަންގާފައިވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހުގެ ކުރިންނެވެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކުރައްވާ އޮފީސްތަކަށް ފޮނުވި ސަރކިއުލާގައި ބުނެފައިވަނީ 2022 އިން 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތާއި، ބަޖެޓު އެކުލަވާލުވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކާއި މަޝްރޫޢުތައް ހުށަހެޅުމަށް ދައުލަތުގެ އޮފީސްތަކަށް އެންގިފައިވާނެ ކަމަށެވެ. އެ އެންގުން އަންގާފައިވަނީ 15 އެޕްރީލް 2021 އެވެ.
ބަޖެޓް ތައްޔާރުކުރުމުގެ ދެވަނަ މަރުހަލާގެ މަސައްކަތުގެ ދަށުން އޮފީސްތަކަށް އަންގާފައިވަނީ ބޭސްލައިން ބަޖެޓް ތައްޔާރުކުރުމަށެވެ. ބޭސްލައިން ބަޖެޓަކީ އޮފީސްތަކުން މިހާރު ކުރިޔަށް ގެންދާ ނުވަތަ ހިނގަމުންދާ ހަރަކާތްތަކާއި މަޝްރޫޢުތަކަށް ހިނގާނެކަމަށް ލަފާކުރެވޭ ޚަރަދުތަކުގެ މައްޗަށް އެކުލަވާލެވޭ ބަޖެޓެކެވެ. ނަމަވެސް އޭގެތެރޭގައި އަލަށް ފެށުމަށް ރާވާ ހަރަކާތްތަކާއި އިތުރަށް ނަގަން ގަސްތުކުރާ މުވައްޒަފުންނަށް ބޭނުންވާ ބަޖެޓު ނުހިމެނޭނެއެވެ.
ސަރކިއުލާގައި ބުނެފައިވަނީ ބޭސްލައިން ބަޖެޓު ތައްޔާރުކުރަންވާނީ މިނިސްޓްރީން ކަނޑައަޅާފައިވާ ބަޖެޓު ސީލިންގއަށްވުރެ ބޮޑު ނުވާނޭހެންކަމަށެވެ. އަދި ބަޖެޓުގެ އަމާޒުތައް ހާސިލުކުރެވޭނެ ގޮތަށް ހަރަކާތްތައް ރާވައިގެންކަމަށެވެ.
ބަޖެޓް ތައްޔާރުކުރުމާއި ތަންފީޒުކުރުން ހަރުދަނާކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުން ފެށިގެން ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ ޕްރޮގްރާމްތަކަށް ބަހާފައިވާ ބަޖެޓެކެވެ. ފިނޭންސުން ބުނިގޮތުގައި ޕްރޮގްރާމްތަކުގެ އޮނިގަނޑު އޮފީސްތަކާ މަޝްވަރާކުރެވި މިހާރު ދަނީ ތައްޔާރުކޮށް ފައިނަލް ކުރެވެމުންނެވެ. ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ބަޖެޓު އަދި ބޭސްލައިން ބަޖެޓް ތައްޔާރުކުރަންވާނީ މި ޕްރޮގްރާމް އޮނިގަނޑުގެ ތެރެއަށް ފައްތައިގެންކަމަށް ސަރކިއުލާގައިވެއެވެ.