ދަރަނި ނެގުމާ ގުޅޭ ގޮތުން ސަރުކާރަށް އަމާޒުވެފައިވާ ބޮޑެތި ފާޑު ކިޔުންތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ. 

ހއ. ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖޭގެ ދަރަނި އޮތީ 26 ބިލިއަން ރުފިޔާގައި ކަމަށާއި އެމަނިކުފާނު ވެރިކަމުން ފައިބައި ވަޑައިގަތްއިރު ފަސް އަހަރުގެ ތެރޭގައި 60 ބިލިއަން ރުފިޔާއަށް ރާއްޖޭގެ ދަރަނި އަރާފައިވާ ކަމަށެވެ. އަދި އޭގެ ކުރިން 2008 ވަނަ އަހަރު އެމްޑީޕީ އިން ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ދަރަނި އޮތީ 6.5 ބިލިއަން ރުފިޔާގައި ކަމަށާއި ތިން އަހަރަށް ފަހު ވަކިވި އިރު ދަރަނި 26 ބިލިއަން ރުފިޔާގައި ހުރި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ މިވޭތުވެ ދިޔަ ދެ އަހަރު ތެރޭގައި މިހާތަނަށް ނަގާފައި ވަނީ 15 ބިލިއަން ރުފިޔާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. 

އޭގެން ސާފުވާ ކަމަކީ މި ދަރަނީ ނަގާފައި ވަނީ މި ސަރުކާރުން ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ދަރަނި ދެއްކުމަށް ޖަހާފައި ވަނީ ކުރީ ސަރުކާރުތަކުން ނަގާފައި ހުރި ދަރަނިތައް ދެއްކުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

"އެހެންވީމަ ދައުލަތަށް ދަރަނި ނެގުމަކީ މި ސަރުކާރުން ކުރި ކަމެއް ނޫން. މި އަހަރުގެ ބަޖެޓުގައި ދަރަނި ދެއްކުމަށް ޖަހާފައި އޮތް ހަތަރު ބިލިއަން ރުފިޔާއަކީ ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ދަރަނި ދެއްކަން ޖެހާފައި ހުރި ފައިސާ. މިއީ އަޅުގަނޑު މިއަދު ތިބޭފުޅުންނަށް ސާފުކޮށްދޭން ބޭނުންވާ ކަންކަން،" ރައީސް ސޯލިހު ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ދައުލަތަށް އެމަނިކުފާނު ސަރުކާރާ ހަވާލުވިއިރު ދައުލަތުގެ ރިޒާވްގައި ހުރީ 250 މިލިއަން ޑޮލަރު ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމަޔަށް އައިއިރު ވެސް ރިޒާވްގައި ހަމަ އެ އެދަދަށް ފައިސާ އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ. 

"އަޅުގަނޑުގެ ފައިނޭންޝިއަލް ޓީމަށް ފުރިހަމަ އިތުބާރު އެބައޮތް. އަޅުގަނޑުމެން މަގަކުން ކައްސާ ނުލާނަން. އިރާދަކުރެއްވިއްޔާ ހަރުމުދާ ނުވިއްކާ ރާއްޖެ އަމާން އައްސޭރިއަކަށް ގެންދާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ވިއްކާފައި ހުރި 85 ރިސޯޓް އެބަހުރި ކަމަށާއި އެހެން ނަމަވެސް ދައުލަތަށް ލިބެންވާ އާމްދަނީއެއް ނުލިބޭ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން މިހާތަނަށް އައިއިރު އެއްވެސް ފަޅު ރަށެއް ރިސޯޓް ހަދާކަށް ދޫނުކުރާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ރިސޯޓުތައް ނުއަގުގައި ވިއްކުމަށް ފަހު ވަޑައިގަތީ ލިބުނު ފައިސާ ވެސް ހިތްޕަވައިގެން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެވެސް ބަޖެޓުގައި ހުރިނަމަތާ މި ދަތި ހާލުގައި އަޅުގަނޑުމެންނަށް އޭގެން ހަރަދު ކުރެވޭނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށް ހިދުމަތް ކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.