މި ސަރުކާރުން ހިޔާ ފްލެޓްތަކުގެ އަގުތައް ކަނޑައެޅިގޮތުގެ މައުލޫމާތުތަކެއް ހިއްސާކުރުމަށް މާލެ ސިޓީ ކައުންސިލުން އެދުނު ނަމަވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ މައުލޫމާތު ފޯރުކޮށްދީފައިނުވާ ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުރެއްވި ޓުވީޓެއްގައި މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓަށް މަހަކު ދައްކަންޖެހޭ އަދަދު ކުޑަކޮށްދޭތޯ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޗްޑީސީން ހެދި ހިސާބުތައް ފޮނުވައިދޭން އެދިފައިވާނެ ކަމަށެވެ. އަދި އެކަމަށް އެޗްޑިސީން ބުދަ ދުވަހު އެއްބަސްވެފައިވީ ނަމަވެސް، ރޭ ގެ ނިޔަލަށް އެ މައުލޫމާތު ކައުންސިލާއި ހިއްސާކޮށްފައިނުވާ ކަމަށެވެ.
އެހެންމެ މޭޔަރ ވަނީ އެ މައުލޫމާތު ފޮނުވުމަށް އެޗްޑީސީގައި އަނެއްކާވެސް އެދިވަޑައިގަންފައެވެ.
Hiyaa flat ah mahaku dhakkanjehey varu kudakohdheytho @MaleCitymv kuramundhaa masakkathuge dhashun, @hdcmaldives hedhi hisaabuthah fonuvaidheyn iyye ebbasvefai mireyaa hamayavves nufonuvaa othumun HDC gai anekkaaves dhannavaafa vaane fonuvaidheyn.
— Dr Mohamed Muizzu (@MMuizzu) June 17, 2021
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑރ. މުއިއްޒު ހަައުސިންގ މިނިސްޓަރ ކަމުގައި ހުންނެވިއިރު ހިޔާ ފްލެޓުތަކުގެ އަގުގެ ގޮތުގައި ކަނޑައެޅީ މަހަކު 5،500 ރުފިޔާ އެވެ. އެހެންނަމަވެސް މި ސަރުކާރުން އެންމެ ބޮޑު އަގަކަށް ދައްކަން ޖެހޭ އަގެއްގެ ގޮތުގއި ކަނޑައެޅީ މަހަކު 7500 ރުފިޔާއެވެ.
ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ 7500 ރުފިޔާއަކީ ފްލެޓުތައް އެޅުމަށް ދިޔަ ހަރަދާއި އަޅާބަލާއިރު ކުޑަ އަދަދެއް ކަމަށާއި އޭގެ ސަބަބުން އެޗްޑީސީއަށް 'ބަރޑެން' ބޮޑުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ހުރިހާ ހަރަދަކާއި އެކު ފްލެޓުތަކުގެ އަސްލު އަގަކީ މަހަކު 11،000 ރުފިޔާ ކަމަށެވެ.
އިއްޔެ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީން ވަނީ އަގުތައް ކަނޑައެޅި ގޮތުގެ ތަފްސީލް ހިއްސާކޮށްފައެވެ. އެގޮތުން ކުރީ ސަރުކާރުން ހިޔާ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާފައިވާ ކުންފުންޏަށް ކަން ވަނީ ހާމަކޮށްފައެވެ.