އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ރަނގަޅު ބަޖެޓެއް ކަމަށާއި އެ ބަޖެޓް ފާސް ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ހޫނު ބަހުސްތަކެއް ކުރެވެމުންދާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ބައެއް އެމްޑީޕީ މެންބަރުން އަދި އިދިކޮޅު މެންބަރުން ވެސް ބަޖެޓާ ގުޅިގެން ބޮޑެތި ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ. އަދި ބަޖެޓަށް ވޯޓު ދިނުމަށް ބައެއް މެންބަރުން ދެކޮޅު ވެސް ވަނީ ހައްދަވައިފަ އެވެ.

ހއ. ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދައުލަތުގެ ބަޖެޓަށް އިޝާރަތް ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައި ވަނީ މިއަދުގެ ދަތި އުނދަގޫ ހާލަތަށް ބަލާފައި ރަނގަޅު ބަޖެޓެއް ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ އުނދަގޫ ވަގުތުތަކުގައި ކުރަން ޖެހޭނެ އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށާއި މިދިޔަ ދުވަސްތަކުގައި ވެސް ކުރަމުން މިގެންދަނީ އެ މަސައްކަތް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއައީ ވަރަށް ރަަނގަޅުށް އެކަން ކުރަމުން. ދައުލަތުގެ އެއްވެސް މަސައްކަތުގައި ހުރި އެއްވެސް މީހަކު ވަޒީފާއަކުން ވަތްކެއް ނުކުރަން. މުސާރައެއް ކުޑައެއް ނުކުރަން. މަސް ނިމެންވާއިރަށް އެމީހަކަަށް ދޭންވާ މުސާރަ ދީފަ ވާނީ. މިއީ ދަތި ވަގުތެއް އެހެން ނަމަވެސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިވަގުތަކީ ފައިސާ ހޯދައިގެން ނަމަވެސް މިކަންތައް ކުރަން ޖެހޭ ވަގުތު،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ބަޖެޓުގައި ހިމެނޭ ބައެއް މުހިންމު ކަންކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ސިއްހީ ދާއިރާއަށް ހަތަރު ބިލިއަން ރުފިޔާ، ތައުލީމީ ދާއިރާއަށް 3.9 ބިލިއަން ރުފިޔާ، އިޖްތިމާއީ ދާއިރާ 3.7 ބިލިއަން ރުފިޔާ، ގެދޮރު އިމާރާތް ކުރުމަށް 2.3 އަދި ތިމާވެށި ރައްކާތެރި 1.8 ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން ރިކަރަންޓް ހަރަދު ގޮތުގައި ވާނީ މުސާރަތަކާއި ހިންގުމަށް ހިނގާ ހަރަދާއި އާސަންދަ އަދި އިނާޔަތްތައް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ބޮޑެތި މަޝްރޫއުތައް ވެސް ކަނޑައަޅާފައިވާނެ ކަމަށާއި އޭގެ ތެރޭގައި ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމާއި، އައްޑޫ އެއާޕޯޓް، މާލޭ ބްރިޖް، މާލޭ ވިޔަފާރި ބަނދަރު، ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރުން އަދި ފަސް ޓޭޝިއަރީ ހޮސްޕިޓަލް ތަރްއްގީ ކުރުމުގެ މަސައްކަތް ހިމެނޭކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"ބަޖެޓާ ގުޅޭ ގޮތުން ބަހުސް ކަރެއްވި އިރު ބައެއް ވާހަކަތައް އަޅުގަނޑު އަޑު އެހިން. ބައެއް ބޭފުޅުން ވިދާޅުވީ ބަޖެޓް ކުޑަ ކުރަން. އަޅުގަނޑު ދަންނަވާނީ މިއީ މި ޕްރޮޖެކްޓުތައް ހުއްޓާލަންވީ ވަގުތެއް ނޫން. ސަރުކާރުން ކުރަން ޖެހޭނެ ކަމަކީ މި ދަނޑިވަޅުގައި އިގްތިސާދު ހިނގުން. މިއީ ކަނޑައެޅިގެން ލިބިފަ ހުރި ފައިސާ ކަމަށް ވާތީ މި ޕްރޮޖެކްޓްތައް މެދުކެނޑުމެން ނެތި އިރާދަކުރެއްވިއްޔާ ހުއްޓުމެއް ނެތި ކުރިޔަށް ގެންދާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށް ރައީސް ވިދާޅުވީ މި މަސައްކަތްތައް އެހީތެރިވެ ދެއްވުމަށް އެދޭ ކަމަށެވެ. އަދި މިއީ ހަމައެކަނި ސަރުކާރުން މަސައްކަތް ކުރަންވީ ވަގުތެއް ނޫން ކަމަށާއި ބަޖެޓަށް ފާސް ކުރަން ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. 

"މި ބަޖެޓް ޖެހޭ އެބަ ފާސް ކުރަން. އަޅުގަނޑުމެން ބޭނުން ދިއްދޫ ބަނދަރު ހަދަން. ބަޖެޓްކޮށްފަ އޮންނާނެ ބަޖެޓް ފާސްކޮށްގެން އެކަން ވާނީ. އަޅުގަނޑުމެން ބޭނުން އިހަވަންދޫ ބިން ހިއްކަން. މި ބަޖެޓްގައި އޮންނާނެ. އެކަން ފާސް ކުރަން އެބަޖެހޭ. ކެލާގެ ތަރައްގީގެ މަޝްރޫއުތައް ހުންނާނެ. ބަޖެޓް ފާސްކޮށްދެއްވާ އެހެން ނޫނީއާ އެކަމެއް ނުވާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ބަޖެޓް ފާސް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި މިރޭ ކުރިޔަށް ދާނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.