ޅ. ހިންނަވަރު ބަނދަރުގެ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް އެލް ބްލޮކްތައް އެ ރަށަށް ގެނެސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް އެލް ބްލޮކްތައް ކ. ތިލަފުށިން ޅ. ހިންނަވަރަށް މިހާރު ލޯޑު ކުރެވިފައި ކަމަށެވެ.
ޅ. ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް އެލް ބްލޮކްތައް މިހާރުވަނީ ކ. ތިލަފުށިން ޅ. ހިންނަވަރަށް ލޯޑު ކުރެވިފައި. މި މަޝްރޫޢަކީ 99.52 މިލިއަން ރުފިޔާގެ މަޝްރޫޢެއް. #MTCCProjects pic.twitter.com/1EbFe05BSk
— MTCC Plc (@MTCCPlc) June 17, 2021
މި މަޝްރޫޢުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65,170.76 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 421 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 123.9 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 170.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.
ހިންނަވަރުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އެމްޓީސީސީން ޕްރޮޖެކްޓް ސައިޓް މޯބިލައިޒްކޮށްފައިވަނީ މި އަހަރުގެ މާރޗު މަހުގެ ތެރޭގައެވެ.
އެމްޓީސީސީން ބުނީ، ހިންނަވަރުގެ ބަނދަރު ހެދުމުގެ މަޝްރޫއަށް ޖުމްލަ 99.52 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.