މިއަދުގެ މާޔޫސްކަން މާދަމާގެ އުއްމީދަށް ބަދަލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ހޯރަފުށީ ދާއިރާގެ މެމެބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުއްޖެއެވެ.
ސައްލެ މިގޮތަށް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ހޯރަފުށީގައި ތަރައްގީކުރި އެއާޕޯޓް ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ހޯރަފުށީ ރައްޔިތުންގެ މިފަދަ ބޮޑު އުއްމީދެއް ހާސިލްކޮށްދިނުމަށް މަސައްކަތް ކޮށްދެއްވި ކަމަށްޓަކައި ރައީސް ސޯލިހަށް ސައްލެގެ ހިފެހެއްޓުމެއް ނެތް ޝުކުރު ވަނީ އަދާކުރައްވާފައެވެ. ސައްލެ ވިދާޅުވީ ކޮވިޑްގެ މި ދުވަސްވަރުގައި ވެސް މި މަޝްރޫއު ކާމިޔާބުވެގެންދިޔައީ ރައީސް މިކަމަށް ބެހެއްޓި ޚާއްސަ އަހަންމިއްޔަތު ކަމުގެ ސަބަބުން ކަމަށެވެ.
ސައްލެ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ގޮތަށް އެމްޑީޕީގެ ވައުދުތައް ރަނުން ރަނަށް ފުއްދަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި ރައީސްގެ ލަފާފުޅުގެ މަތިން މިނިސްޓަރ އައިޝަތު ނަހުލާ މި މަޝްރޫ ކާމިޔާބުކުރެއްވުމަށް ކުރެއްވި މަސައްކަތްތަކަށް ސައްލެ ޝުކުރު އަދާކުރެއްވިއެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ޓީމުން އަމިއްލަ މަސައްކަތެއްގެ ގޮތުގައި ގާއިމްކުރި ރެކޯޑަކީ ފަޚުރުވެރިވާ ކަމެއް ކަމަށް ސައްލެ ވިދާޅުވިއެވެ. އަދި ފެނަކައިން ދޮޅު އަހަރުން އާއްމު ގޮތެއްގައި ކުރެވޭ މަސައްކަތް އަށް ދުވަހުން ކުރި މަސައްކަތް ފެނިގެންދިޔަ ކަމަށް ވެސް ސައްލެ ވިދާޅުވިއެވެ.
ރައީސްގެ ހުރިހާ ވައުދުތަކެއް ރަނުން ރަނަށް ކާމިޔާބުވެގެންދާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް ވެސް ސައްލެ ވިދާޅުވިއެވެ.
ކޮންމެ ކަމަކަށް ގޮވާލި ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން ހޯރަފުށީގެ ރައްޔިތުން ހިލޭ ސާބަހާ ވި ގުރުބާނީ ލިޔެވިގެންދާނީ ރަން އަކުރުން ކަމަށް ސައްލެ ވިދާޅުވިއެވެ.
މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހޯރަފުށީ އެއާޕޯޓް ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ގާތްގަނޑަކަށް 212 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްގީކުރި މި އެއާޕޯޓްގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީއިންނެވެ.