ހއ. ހޯރަފުށީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތަރައްގީކުރި އެއާޕޯޓް ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދު ހޯރަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއާޕޯޓް ހުޅުއްވައިދެއްވީ ރައީސް ސޯލިހުއެވެ. ރައީސް ސޯލިހާއެކު މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްގެ އިތުރުްނ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އެ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހަފްތާއަކު ތިން ދަތުރު ހޯރަފުއްޓަށް ކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވިއަން ވަނީ ހާމަކޮށްފައެވެ.
ހޯރަފުށީގައި ތަރައްގީކުރި އެއާޕޯޓަކީ ރާއްޖޭގެ އެންމެ އުތުރުގައި ތަރައްގީކުރެވުނު އެއާޕޯޓެވެ. މި އެއާޕޯޓާއެކު އުތުރުގެ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ.
ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީއިންނެވެ.