ރާއްޖެއަށް ނިސްބަތްވާ ހަނގުރާމަވެރިން ކަމަށް ބުނެ އަފްޣާނިސްތާނުން 2019 ގައި ހައްޔަރު ކުރި މީހުން

އަފްގާނިސްތާނުން ހައްޔަރުކުރި ހ. މޫންލައިޓްވެލީ އަލީ ޝާފިއުއާއި އޭނާގެ އާއިލާއަށް ދިވެހި ފުލުހުން އަނިޔާކޮށް، ހުތުރު ބަހުން މުއާމަލަތްކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުންކޮށްފައިވާ އެއްވެސް މަސައްކަތެއްގެ އިންސާނީ ހައްގަށާއި ކަރާމަތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

ފުލުހުންގެ ނޫސް ބަޔާނުގައި އިތުރަށް ބުނީ ސޯޝަލް މީޑިއާ މެދުވެރިކޮށް، ސަލާމަތީ ހިދުމަތްތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ ވަކިވަކި މުވައްޒަފުންނާމެދު ނަފްރަތު އުފައްދާ މައްސަލަތައް ބަލާނެކަމަށެވެ. އަދި އޭގެ އިތުރަށް ފުލުހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭގޮތަށް، ހަގީގަތާ ހިލާފު ވާހަކަތައް ދައްކައި، ވަކިވަކި ޕޯސްޓްތައް ކުރަމުންދާ މީހުންގެ މައްސަލަތައްވެސް ބަލާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުުލުހުން ވަނީ ހަގީގަތާ ހިލާފު ވާހަކަތަކަށް ހިތްވަރުދޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް، އެމީހުންނާމެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުއަޅާނެކަމުގެ އިންޒާރުވެސް ދީފަ އެވެ. 

ފުލުހުން ބުނިގޮތުގައި ޝާފިއުއާއި އޭނާގެ އަނބިމީހާގެ އިތުރުން 4 ދަރިން އަފްޣާނިސްތާނުގެ ނަންގަރްހާރް ޕްރޮވިންސުން ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު އިންޓަޕޯލް މެދުވެރިކޮށް ލިބުނީ 2018 ނޮވެމްބަރ 18 ގައެެވެ. އަދި އެ މައުލޫމާތާއެކު 2019 ފެބްރުއަރީގައި އަފްޣާނިސްތާނަށް ދިވެހި ފުލުހުންގެ ޓީމެއް ދިޔަކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ކަންހިނގާފައިވާ ގޮތް ކުރިން ނެރުނު ނޫސްބަޔާނުގައިވެސް ހާމަކޮށްފައިވާނެ ކަމަށެވެ. އެގޮތުން 2019 ޑިސެމްބަރު 3 ގައި ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޝާފިއު އަފްގާނިސްތާނަށް ދަތުރުކޮށްފައި ވަނީ އެގައުމުގައި ހަރަކާތްތެރިވާ އައިއެސްއާ ގުޅުމަށް ކަމަށާއި ޝާފިއުގެ އަތުން ނެގި ޑިޖިޓަލް ޑިވައިސް އަކުން އައިއެސްގެ ޕްރޮޕެގެންޑާ ވީޑިއޯތަކެއް ވެސް ފެނިފައިވާ ކަމަށެވެ. ހަމައެއާއެކު ޝާފިއުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި އަފްގާނިސްތާނުގެ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން އެމައްސަލަ ތަހްގީގުކޮށް، އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށްފަހު، އޭނާގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެގެން 21 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި އޮތެވެ.

ފުލުހުން ބުނެފައިވާ ގޮތުން ޝާފިއު އަފްޣާނިސްތާނަށް އެތެރެވީ، 2018 ވަނަ އަހަރުއޭނާގެ އަންހެނުންނާއި ހަތަރު ދަރިންނާއެކު ބޭސްފަރުވާ ކުރުމަށް ސްރީލަންކާއަށް ގޮސް، ސްރީލަންކާއިން ޕާކިސްތާނަށް ދަތުރުކޮށް، ޕާކިސްތާނުގެ މަގުންނެވެ.

އަލީ ޝާފިއު އަކީ ހަތިޔާރު ގެންގުޅެ ފޮރުވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 2015 ސެޕްޓެމްބަރ 30 ވަނަ ދުވަހު ހައްޔަރުކުރެވުނު މީހެއް، މިގޮތުން ބ. ހިބަޅިދޫ ކައިރީ ކަނޑު ތެރެއިން ފެނުނު ހަތިޔާރާއި ގޮވާތަކެއްޗާއި ގުޅުންހުރި ބައެއް ތަކެތި އަލީ ޝާފިއުގެ އަތުން ފެނުނު، ނަމަވެސް މިމައްސަލައިގައި ޝަރީއަތަށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ނެތުމުގެ ސަބަބުން 2016 ޖެނުއަރީ 18 ވަނަ ދުވަހު އޭނާ ވަނީ ބަންދުން ދޫކޮށްލާފަ.

ފުލުހުން ބުނީ، ޝާފިއު އަކީ ދީނީ ހަރުކަށި ފިކުރަށް ތާއީދު ކޮށް، އެފަދަ ފަރާތްތަކާއި ގުޅުން ބާއްވަމުން އައިސްފައިވާ މީހެއް ކަމަށެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ކުރީގެ އަނބިމީހާ އާއި ދަރިފުޅު ގޮވައިގެން ސީރިޔާއަށް ދާން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުން ހިފަހައްޓާފައި ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.