ހއ. ހޯރަފުށީގައި މި ސަރުކާރުން ތަރައްގީކުރި އެއާޕޯޓަށް މި ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ޝެޑިއުލް ދަތުރުތައް ފަށަން ހަމަޖެހިފައިވާ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ހާމަކޮށްފިއެވެ.
ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ކުރިން ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ ކޮމިއުނިކޭޝަން އެންޑް ޕީއާރު މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ މި މަހުގެ 26 ވަނަ ދުވަހު ޝެޑިއުލް ދަތުރުތައް މޯލްޑިވިއަންއިން ހޯރަފުށީ އެއާޕޯޓަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ހަފްތާއަކު ތިން ދަތުރު އެ ރަށަށް މޯލްޑިވިއަން އިން ކުރާނެ ކަމަށް ވަސީމް ވިދާޅުވިއެވެ.
މި އެއާޕޯޓާއެކު އުތުރުގެ ރަށްތަކުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާވެގެންދިޔުމުގެ ފުރުސަތު ބޮޑުވެގެން ދާނެ ކަމަށް ވަސީމް ވިދާޅުވިއެވެ.
ހޯރަފުށީ އެއާޕޯޓް މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ. ހޯރަފުށީ ކައިރީ ފަޅު ރަށެއްގައި އެއާޕޯޓް އެޅުމަށް އެންމެ ފުރަތަމަ ވައުދުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. ނަމަވެސް އެ ސަރުކާރަށް މަޝްރޫއު ފެށޭ ވަރެއް ނުވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމީ ހޯރަފުށީ ފަޅު ހިއްކައިގެން އެއާޕޯޓް އެޅުމަށެވެ. އަދި ސަރުކާރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައި އެއާޕޯޓް ވަނީ ނިންމާލާފައެވެ.