ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ މަގްސަދުތަކާ ތައާރުޟުވާ ގާނޫނުތަކަށް އިސްލާހު ގެނައުމާގުޅޭ ސަރުކާރުން ހުށަހަޅާ ބިލުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ރައީސް އޮފީހަށް ފޮނުވައިފިއެވެ.
އޭޖީ އޮފީހުން ބުނީ، ލާމަރުކަޒީ ގާނޫނަށް 9 ވަނަ އިސްލާހު ގެނައި ތާރީހުން ފެށިގެން 6 މަސް ތެރޭގައި އެ ގާނޫނުގެ މަގްސަދުތަކާ ތައާރުޟުވާ ގާނޫނުތައް ފާހަގަކޮށް، އެ ގާނޫނުތަކަށް އިސްލާހު ގެނައުމަށް ދައުަލތުގެ ބަންޑާރަނައިބު މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ގާނޫނުތަކަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅަން ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް އޭޖީން ބުނެއެވެ.
އެ ބިލު ތަކަކީ:
- ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހިރައްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިއެވެ.
މި ގާނޫނުތަކަށް އިސްލާހު ގެންނަން 6 މަސް ދުވަސްތެރޭގައި ހުށަހަޅަން ބަޔާން ކޮށްފައި ވަނީ 2020 ޑިސެމްބަރ 23 ގައި އަމަލު ކުރަން ފެށި ލާމަރުކަޒީ ގާނޫނުގެ 9 ވަނަ އިސްލާހުގައެވެ. އެ 6 މަސް ދުވަސް އަންނަ ބުދަ ދުވަހަށް ހަމަވާނެއެވެ.
މި 6 ބިލު ހިމެނޭހެން އޭޖީ އޮފީހުން ވަނީ މަޖިލީހުގެ މި ދައުރަށް ޖުމްލަ 19 ބިލެއް ހުށަހަޅަން ނިންމާފައެވެ. އޭގެ ތެރެއިން 8 ބިލެއް މިހާރު މަޖިލީހަށް ހުށަހަޅާފައި ވާއިރު، މިއަދު 6 ބިލެއް ހުށަހަޅަން ފޮނުވުމުން، ދެން ފޮނުވަން އޮތީ 5 ބިލެވެ.