އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު އަކްރަމް އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ. 

މި މަގާމުން އިސްތިއުފާ ދެއްވުމަށް އަކްރަމް ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން އެކޮމިޓީއިން އޭނާ މަގާމުން ވަކިކުރުމަށް ފެންނަ ކަމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު އޭނާއަށް ލިބިވަޑައިގަތުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އިތުބާރު ނެތި މިނިވަން މުއައްސަސާއެއްގެ މެމްބަރު ކަމުގެ ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުދެކޭތީ ކަމަށް ވަނީ ވިދާޅުވެފައެވެ. 

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅުނު މައްސަލައަކީ ވަކި ބަޔެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހެޅުނު މައްސަލައެއް ކަމަށާއި އެ މައްސަލައިގައި ތުހުމަތުކޮށްފައިވާ އެއްވެސް ކަމެއް އޭނާގެ ފަރާތުން ހިނގާފައިނުވާނެ ކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ. އަދި އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލްތައް ހެއްކާއެކު މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅާފައިވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. 

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި އަކްރަމް ވަނީ ގައުމަށް ޚިދުމަތް ކޮށްދެއްވުމަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވާފައެވެ. 

އަކްރަމް އިސްތިއުފާ ދެއްވުމުގެ ކުރިން ފުރުއްވަމުން ގެންދެވީ އީސީގެ މެމްބަރު ކަމުގެ ދެވަނަ ދައުރު ކަމަށްވާއިރު އެމަގާމަށް އޭނާ ދެވަނަ ދައުރަކަށް އައްޔަނުކުރީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ. އީސީގެ ސްޕޯކްސްޕާސަންގެ މަގާމު ވެސް އަދާކުރައްވަމުން ގެންދެވި އަކްރަމް ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު އެންމެ ހަލަބޮލިވި ދުވަސްވަރު އަދި ރާއްޖޭގައި ބޭއްވުނު އެންމެ މުހިންމު އިންތިހާބުތައް ބޭއްވުނު ދުވަސްވަރު އީސީގެ ކޮމިޝަނަރެއްގެ މަގާމު އަދާކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.