ދައުވާއާ ގުޅޭ ލިޔެކިޔުންތަކާ ގުޅިގެން މިއަދު ވެސް ކުރިމިނަލް ކޯޓުގައި ސަން އިންވެސްޓްމެންޓް ކުންފުނީގެ މަނީލޯންޑްރިންގެ މައްސަލާގެ އަޑުއެހުން ކުރިއަށް ނުގެންދެވި ނިންމާލައިފިއެވެ. 

މީގެކުރިން ވެސް މި މައްސަލާގެ އިބްތިދާއީ އަޑުއެހުން ނިންމާލަން ޖެހުނީ ލިޔެކިޔުންތައް ސަން ކުންފުންޏަށް ނުލިބޭ ކަމަށް ބުނެ ޝަކުވާ ހުށަހެޅުމުން ލިޔެކިޔުންތައް ހަމަކުރުމަށެވެ. މިއަދުގެ އަޑުއެހުން ފެށުމާއެކު ވެސް ސަންގެ ވަކީލް އަލީ ޝާހު ވަނީ ދައުވާއާ ގުޅޭ ލިޔުންތައް އެ ފަރާތަށް އަދިވެސް ނުލިބޭކަން ފާހަގަ ކުރައްވާފައެވެ. 

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ ސަންއާ ހަވާލު ކުރަން ޖެހޭ ލިޔުންތައް މިހާރު ހުންނާނީ ހަވާލުކޮށްފައި ކަމަށާއި ހަވާލު ނުކުރެވި ހުރި ލިޔުންތަކަކީ ސިއްރު ލިޔުމަކާއި ބައެއް ފަރާތްތަކުގެ ޒާތީ މައުލޫމާތު ހިމެނޭ ލިޔުންތައް ކަމަށެވެ. އެ ލިޔުންތައް ނެތް ކަމުގައިވީ ނަމަވެސް ދައުވާއަށް ޖަވާބުދާރީވުމަށް ހުރަހެއް ނޯންނާނެ ކަމަށެވެ. 

އެކަމާ ހިތްހަމަ ނުޖެހި، އަލީ ޝާހް ވާހަކަ ދެއްކެވިއެވެ. މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވަނީ ލިޔުންތަކުގެ ބަހުސް ދިގުލައިގެންދާތީ ކަންބޮޑުވެފައެވެ. ގާޒީ ވިދާޅުވީ ނުލިބޭ ލިޔުންތައް ފާހަގަކޮށް ލިޔުމުން ހުށަހަޅަން ސަންއަށް އެންގުމުން އެކަން ކޮށްފައިނުވާ ކަމާއި ކޮންމެ ފަހަރަކު އަޑުއެހުމުގައި އެ ވާހަކަ ދައްކަން ވެއްޖެނަމަ މައްސަލަ ދިގުލައިގެންދާނެ ކަމަށެވެ. 

ދެން ގާޒީ ފުރުސަތު ދެއްވީ ނުލިބޭ ލިޔުންތައް ވަކިވަކިން ފާހަގަ ކުރުމަށެވެ. ވަކީލް ޝާހް، ލިޔުންތަކުގެ ނަންބަރުތައް ފާހަގަ ކުރަމުން ދިޔައިރު ދައުލަތުން ގެންދިޔައީ އެ ލިޔުން ނުލިބި އޮތް ސަބަބު ހާމަ ކުރައްވަމުންނެވެ. އެގޮތުން ބައެއް ލިޔުންތަކަކީ ސަންއާ ހަވާލު ކުރެވިފައިވާ ލިޔުންތަކެއް ކަމަށް ދައުލަތަށް ފާހަގަ ކުރެވިފައިވީ ނަމަވެސް އެ ލިޔުންތައް ސަންއަށް ލިބިފައި ނެތެވެ. އެހެންވެ އެ ލިޔުންތައް ދައުލަތުން ސަންއާ ހަވާލު ކުރުމަށް ކޯޓަށް ހުށަހަޅާނެ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. 

ގާޒީ ޝަކީލް ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގެ ކުރިން ލިޔުންތައް ހަމަވެއްޖެކަން ޝަރީއަތުން ވެސް ކަށަވަރު ކުރާނެ ކަމަށާއި ދެން އޮންނަ އަޑުއެހުމެއްގައި ލިޔުންތަކާ ގުޅޭ ބަހުސަށް އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށެވެ. އަދި އެ އަޑުއެހުމުގައި އޮންނާނީ ދައުވާ އިއްވައި އެއަށް ސަން ކުންފުނީގެ ފަރާތުން ޖަވާބުދާރީވުން ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ. 

ސަން ކުންފުނި ހިމެނޭ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އެ މައްސަލާގެ އިބްތިދާއީ ފުރަތަމަ އަޑުއެހުން ކުރިއަށް ނުގެންދެވުނެވެ. އަދި އިއްޔެއަށް ތާވަލުކުރި މައްސަލަ ރައީސް ޔާމީން އެދިވަޑައިގެން ވަނީ ކެންސަލް ކޮށްފައެވެ. 

މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ ސަން އާއި ރައީސް ޔާމީންއަށް ދައުވާ އުފުލި މައްސަލައަކީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ މައްސަލައެވެ. ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ރައީސް ޔާމީން ވަނީ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައެވެ. 

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.