ކޮވިޑްއާ ގުޅިގެން ރާއްޖެ އާއި ދުނިޔެ މިވަގުތު އޮތް އިގުތިސޯދީ ބޮޑު އަނދަވަޅުގެ ތެރޭގައި ވެސް ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކުރާ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ފަލާހް ތައުރީފު ކުރައްވައިފިއެވެ، 

ފަލާހް މިހެން ވިދާޅުވީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރުގެ ބަޖެޓާ ބެހޭގޮތުން ބަހުސް ކުރައްވަމުންނެވެ.

އެގޮތުން، 2021 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ތާއީދުކުރައްވާކަމަށް ވިދާޅުވެ މެންބަރު ފަލާހުވަނީ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ. ސަރުކާރަށް ދެ އަހަރު ފުރިފައިވާއިރު، ކޮވިޑް-19ގެ ސަބަބުން މިހާރު ދިވެހިރާއްޖެގެ އިގްތިސާދު ވަރަށް ބޮޑަށް ދަށްވެފައިވާކަން ފަލާހް ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރުވެސް ދައުލަތައް ލިބޭ އާމްދަނީ އިންތިހާއަށް ދަށް ނަމަވެސް، ސަރުކާރުން ވި ވައުދުތައް ފުއްދައި ރައްޔިތުންގެ ބޭނުންތަކަށް ހަރަދުކުރަން ސަރުކާރުން މަސައްކަތްކުރާތީ އެކަމަށް ފަލާހު ތައުރީފް ކުރެއްވިއެވެ.

ސަރުކާރުން ހަރަދު ކުރުމަށް ނިންމާފައިވާ ކަންތައްތަކަށް އަލިއަޅުއްވާލަމުން ފަލާހު ވިދާޅުވީ ސިއްހީ ދާއިރާއަށް 4 ބިލިއަން ރުފިޔާ ހަރަދުކުރަން ނިންމާ ބަޖެޓުގައި ހިމަނާފައިވާކަމަށެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި 5 ޓާޝިއަރީ ހޮސްޕިޓަލު އެޅުމަށާއިި ލ.ގަމުގައި ކެންސަރު ހޮސްޕިޓަލެއް އެޅުން ހިމެނެއެވެ. ސަރުކާރުގެ މި ނިންމުންތަކަށް ތައުރީފް ކުރައްވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީގެ ވައުދާއި އެއްގޮތަށް ސިއްހީ ދާއިރާ ލާމަރުކަޒީކުރުމަކީ މާލޭގެ މެންބަރެއްގެ ހައިސިއްޔަތުން އެމަނިކުފާނު ނުހަނު ތާއީދު ކުރައްވާކަމެއް ކަމަށެވެ.

މިހާރު ސިއްހީ ގިނަ ކަންތައްތަކަށް ބަރޯސާވާންޖެހެނީ މާލެއަށެވެ. އޭގެ ސަބަބުން މާލޭ ސަރަހައްދު ތޮށްޖެހިފައިވާކަން ފަލާހު ފާހަގަކުރެއްވިއެވެ. 5 ޓާޝިއަރީ ހޮސްޕިޓަލު ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރެވުމުން ދެން ސިއްހީ ފަރުވާ ހޯދުމަށް މާލެއަށް އަންނަ އައުން ނިމިގެންދާނެއެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގައި ކެންސަރު ޖެހޭ މީހުން ދުވަހެއް ދުވަހެއް އިތުރުވަމުންދާކަން ފަލާހު ފާހަގަކުރެއްވިއެވެ. ކެންސަރަށް ފަރުވާ ދިނުމަށް ސަރުކާރުން ބޮޑެތި ހޭދަތަކެއް ކުރަންޖެހޭ އިރު އެ ފައިސާތަށް ދަނީ ރާއްޖެއިން ބޭރަށެވެ. ފަލާހު ވިދާޅުވި ގޮތުގައި، ކެންސަރު ހޮސްޕިޓަލެއް ލާމު އަތޮޅުގައި ގާއިމް ކުރެވިގެން ދިއުމާއެކު ދިވެހިރާއްޖެއިން ބޭރުވާ ފައިސާވެސް މަދުވެގެންދާނެއެވެ.

ލާމަރުކަޒީ ރާއްޖެއެއް ބިނާކޮށް، މާލެއަށް ބަރޯސާވުން ކުޑަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވައުދެކެވެ. އެކަމަށްޓަކައި، ސިއްހީ ނިޒާމު ލާމަރުކަޒުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.