ރިޕޯޓްސިޔާސީ

ނަފްރަތުގެ ބިލަށް އެމްޑީޕީގެ ބައެއް މެމްބަރުންވެސް "ނަފްރަތުކުރަނީ" ކީއްވެ؟

ނަފްރަތުގެ އަމަލުތައް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލް އުގޫބާތައް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށައަޅުއްވާފައިވާ ބިލާމެދު ބޮޑު ބަހުސެއް ވަނީ އުފެދިފައިއެވެ. މި ބިލް ދިފާއުކޮށް އަޑަށް ބާރުލާ ބައެެއް މީހުން ވާހަކަދައްކަމުންދާއިރު މި ބިލް ފާސްކުރުމާ ދެކޮޅަށްވެސް އެއް ބަޔަކު ކެކިއަރަނީ އެވެ.

މި ބިލުގެ ބޭނުމަކީ ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތުދީ، ސެކިއުލަރ ދައުލަތެއް ހިންގަން ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ދަނީ ބުންނަމުންނެވެ. އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި އަމިއްލަ ޖަމިއްޔާތަކުންވެސް މި ބިލާ ދެކޮޅަށް ތެދުވެ ދައްކަނީ ވެސް މި ޒާތުގެ ވާހަކަތަކެކެވެ. ހަމައެއާއެކު ކައުންސިލްތަކާއި އަމިއްލަ ޖަމިއްޔާތަކުންވެސް މި ބިލާ ދެކޮޅަށް ބަޔާންތައް ނެރެން ފަށައިފި އެވެ.

މިއީ ހަމައެކަނި އިދިކޮޅާ, ދެކޮޅުގެ ހަނގުރާމައެއް ނޫންކަން އެނގުނީ މި ބިލް މަޖިލީހަށް ބަލައިގަތުމަށް އެމްޑީޕީގެ ބައެއް މެމްބަރުންވެސް ވޯޓު ނުދެއްވުމުންނެވެ. ސުވާލަކީ އެ މެމްބަރުންގެ އޮތީ ކޮން މައްސަލައެއް ހެއްޔެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހިސާން މަޖިލީހަށް ހުށައެެޅުއްވި ބިލް މަޖިލީހަށް ބަލައިނުގަތުމަށް އެމްޑީޕީގެ ހަތަރު މެމްބަރަކު ވޯޓު ނުދެއްވި އެވެ. އެއީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީއާއި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒުގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އެވެ.

ނަފްރަތުގެ ބިލަށް މި މެމްބަރުން ވޯޓު ނުދެއްވި ސަބަބާ އިދިކޮޅު އެ ބިލާ ދެކޮޅަށް ދައްކަމުންދާ ވާހަކަތަކާ މުޅިން އެއްގޮތެއް ނޫނެވެ. އެ ބޭފުޅުންގެ ވާހަކަތަކަށްބަލާއިރު އެ ބިލަށް ވޯޓު ނުދެއްވީ ބައެއް އެހެން ސަބަބުތަކާހުރެ އެވެ.

ބިލް މަޖިލީހަށް ބަލައިގަންނަން ނުފެންނަން ކަމަށް ވޯޓު ދެއްވި އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ސަނީފު ވިދާޅުވީ ހިސާން ހުށައެޅުއްވި އެ އިސްލާހަކީ އެ ބިލްގެ މަގުސަދު ހާސިލްވާނެ ބިލެެއް ނޫން ކަމަށެވެ. ނަފްރަތު އުފެއްދުން ހުއްޓުވުމަށްޓަކައި ހަމައެކަނި ދީނީ ކަންކަމާ ގުޅުވާ ދައްކާ ވާހަކައިން އެކަން ނުހުއްޓުވޭނެ ކަމަށް އޭނާ ދެކިވަޑައިގަންނަވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަނީފް ވަހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އޭނާ ވިދާޅުވީ ސިޔާސީ ކަންކަމުގައި ހަގީގަތް އޮޅޭ ގޮތައް ދެކެވޭ ވާހަކަތަކުންވެސް މީހުންގެ އަބުރުކަތިލެވި އެކަކު އަނެއް ކަކަށް ނަފްރަތު އުފެދިދާ ކަމަށެވެ. އޭނާ އެކަމުގައި މިސާލެއް ގޮތެއް ދެއްކީ ދާދި ފަހުން އޭނާ 241 ކޮމެޓީގައި ދެއްވި ވޯޓަކާ ގުޅިގެން މީހުންގެ ހިތުގައި ނަފްރަތު އުފެދޭ ގޮތައް ދެއްކި ވާހަކަތަކެވެ.

އަބުރުގެ ރަނގަޅު ގާނޫނެއް އޮތުން މައްސަލައެއް ނޫން. ދީނާ ގުޅުވައިގެން ދައްކާ ވާހަކައަކުން އެކަންޏެއް ނޫން މުޖްތައުމުގައި ނަފްރަތު އުފެދި ނުރައްކަލަށް ހުށައެޅެނީ. އެހެންވީމަ މިއަށް ވުރެ ފުޅާކޮށް ނޫނީ ސާފުކޮށް އަންނަން ޖެހޭނީ މި ބިލް، އެހެންވެ ވޯޓު ނުދިނީ.

ދެން އޭނާ ފާހަގަކުރީ ދީނާ ގުޅުވައިގެން މީހަކު ދައްކާ ވާހައަކުން ކުށްވެރިވާ ގޮތައް ހުށައަޅާފައިވާ އެ އިސްލާހް ގާނޫނަކަށް ވެއްޖެ ނަމަ އެ ގާނޫނުގެ ސިޔާސީ ގޮތުން ބޭނުންކުރަން ފަށާފާނެކަމުގެ ބިރު އޮތުމެވެ. އެ ވަގުތު އިދިކޮޅު ސިޔާސީ ފަރާތްތަކުގެ މައްޗަށް އެކަނި އެ ކުށުގައި ކުށުވެރިކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ސަނީފު ވިދާޅުވި އެވެ.

ދީނީ ކަންކަމާއި ގުޅުވައި މާލޭގައި ބޭއްވި އެއްވުުމެއްގެ ތެރެއިން -- ފޮޓޯ: ވަގުތު

މި ބިލާ ދެކޮޅަށް ވޯޓު ދެއްވި މުމްތާޒު ވިދާޅުވީ އެ ބިލް މަޖިލީހަށް ބަލައިގަތުމަށް ދެކޮޅު ހެއްދެވީ އެ ބިލު އޮތް ގޮތުން އޮޅުން ބޮޅުންތަކެއް އޮތް ކަމަށް ފެންނާތީ އެވެ.

އެ ބިލްގެ މަގުސަދާއި އެ ބިލުގައިވާ އެއްޗަކާ އެހާ ބޮޑަށް ސާފެއް ނުވޭ. އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި އެ އިސްލާހް ފަރުމާކޮށްފައި އޮތް ގޮތުން. އަޅުގަނޑު ގަބޫލުކުރަނީ އެއަށްވުރެ ސާފުވާން ޖެހޭނެ އަދި މާ ރަނގަޅަށް އެ އިސްލާހް ހުށައެޅޭނެ. އެހެންވެ އެ ބިލު ބަލައިގަތުމަށް ވޯޓު ނުދިނީ،.

މި ބިލް މަޖިލީހަށް ބަލައިގަތްނަމަވެސް ކޮމެޓީ މަރުހަލާގައި މި ބިލަށް އިސްލާހްތަކެއް ގެންނަން ޖެހޭނެ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ގަބޫލުކުރެ އެވެ. އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ގަބޫލުކުރާ ގޮތުގައި ދީނާ ހިލާފަށް ކަމެއް ކުރުމުން އެކަމަކީ ދީނާ ހިލާފު ކަމެއް ކަން ބުނުމުގެ ފުރުސަތު އޮންނަން ޖެހޭނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ބިލާއެކު އާންމުންގެ ބައެއް ކަންބޮޑުވުންތައް ފާހަގަކުރެވިފައިވާކަމަށް ވިދާޅުވެފަ އެވެ. އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިލާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ ބިލް ކޮމެޓީ މަރުހަލާއިން ނިމި މަޖިލީހުގެ ތަޅުމުން ޤާނޫނަކަށްވާއިރު އެކަންކަމަށް ރިއާޔަތްކުރައްވާނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

އެއްވެސް ހާލެއްގައި ސަރުކާރުގެ ވިސްނުމެއް ނޫން އެއީއަކީ އެއްވެސް ފަރާތަކުން ފާޅުކުރާ ހިޔާލަކަށް ހުރަސްއެޅުމަކީ.

ބިލްގެ ބޭނުމަކީ ހިޔާލުފާޅުކުރުމަށް ހުރަސްއެޅުމެއް ނޫން: ރައީސް

ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންވެސް ގަބޫލު ކުރައްވާ ގޮތުގައި މުސްލިމަކާ ދިމާލަށް ކާފަރެކޭ އޭ ނުބުނެވޭނެ އެވެ. ނަމަވެސް ވައްކަން ކުރާ މީހަކާ ދިމާލަށް ވަގެކޭ ބުނެވޭ ކަމަށް ގަބޫލު ކުރަންޏާއި އެ އުސޫލޫން ދީން ހުއްދަ ނުުކުރާ ކަންކަން ކުރާ މީހުނަށް ލާދީނީ އޭ ބުނެވިދާނެ އެވެ.

ހިސާންގެ އެ އިސްލާހަކީ ހަމަ އެކަނި މި ވަގުތު އެމްޑީޕީގެ އިސް ބޭފުޅުންނަށް ނިސްބަތްކޮށް ބުނާ ބަހެއް ހުއްޓުވާ އިސްލާހެއް ކަމަށް ބުނުމުގެ ފުރުސަތު ލިބޭ އިސްލާހެއް ކަމަށްވެސް އެ މެމްބަރުން ގަބޫލުކުރައްވަ އެވެ. އެހެން ކަމުން ނަފުރަތު އުފެދޭނެކަން އެއަށްވުރެ ސާފުކޮށް އަދި ފުޅާކޮށް އަބުރުގެ ބިލެއް މަޖިލީހަށް ލުމަކީ އެކަމުގެ ހައްލަކަށް ވެދާނެ ކަަމަށް ވެސް ގަބޫލުކުރެ އެވެ.

އެހެންކަމުން ކޮމެޓީ މަރުހަލާގައި މިހާރު އޮތް ނަފުރަތުގެ ބިލަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ހިސާންގެ މި އިސްލާހަށް އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ހިޔާލު ތަފާތުވާ މެމްބަރުންގެ މި ހިޔާލުތަކާ މި ބިލާ ދެކޮޅު ހަދާ އިދިކޮޅު ފަރާތްތަކުގެ ވާހަކަތަކާ ތަފާތެވެ.

ނަފްރަތުގެ ބިލާއި ގުޅޭގޮތުން ހިސާންގެ ވަރުގަދަ ރައްދުތަކެއް!

1
0
0
0
0

ކޮމެންޓް

Your email address will not be published. Required fields are marked *

0 %