ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފޯމޭޝަން ބަދަލު ކުރަން ލަހެއް ނުވާނެ ކަމަށް އެ ކޮމިޝަންގައި ވެސް އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ޖޭއެސްސީއަކީ ސިޔާސީ ނުފޫޒު އޮންނަ ތަނެއް ކަމަށް އެމްޑީޕީއިން މީގެކުރިން ވަރަށް ބޮޑަށް ތުހުމަތު ކުރެއެވެ. އަދި އެ ތަން ތަރުތީބުވެފައިވާ ގޮތް ބަދަލު ކުރާނެ ކަމަށް ވައުދުވެފައިވެއެވެ. ސަރުކާރުގެ އެޖެންޑާގައި ވެސް އެކަން ހިމަނާފައިވެއެވެ.
ނަމަވެސް އިދިކޮޅުގެ މެންބަރަކު ޖޭއެސްސީ ބަދަލު ކުރަން ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމުން އެމްޑީޕީ މެންބަރުންގެ ވޯޓާއެކު އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.
މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީ ބަދަލު ކުރުމަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި އެކަން ކުރާނެ ކަމަށެވެ. އެކަން ކުރުމަށް އަދި ލަހެއް ނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ފަސް އަހަރުގެ ތެރޭގައި އެކަން ކުރާނެ، އެއީ އަޅުގަނޑުގެ ޝައްކު ހިނގާ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީ މިހާރު އޮތް ގޮތާއެކު ވެސް މިހާރު ރަނގަޅު، ބޭނުންތެރި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މިހާރު ޖޭއެސްސީއާމެދު މީހުންގެ އޮންނަ ނުތަނަވަސްކަމަކީ ފަނޑިޔާރުންނާއެކު އޮންނަ ނުހައްގު ގުޅުންތައް ނުބޭއްވޭތީ އޮންނަ ނުތަނަވަސްކަމެއް ކަމަށެވެ.
މިހާރު ފަނޑިޔާރެގެއާ ގުޅޭ ގޮތުން ހުރި ޝަކުވާތައް ވަރަށް މަދު ކަމަށާއި އެއީ އުފާ ކުރައްވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިހާރު ގިނަ ފަނޑިޔާރުންނަކީ ވަރަށް ތެދުވެރި ވަރަށް އިހުލާސްތެރި ވަރަށް ރަނގަޅަށް ޝަރީއަތުގެ ކަންކަން ބަލަހައްޓަވާ ފަނޑިޔާރުން ކަމަށް ވެސް ވިދާޅުވިއެވެ.