ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާ އިއްވައިފިއެވެ. މިއަދު ކުރިމިނަލް ކޯޓުގައި މައްސަލާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން ވަނީ ބާއްވާފައެވެ. 

އިބްތިދާއީ އަޑުއެހުމުގައި ދައުވާއާއެކު ހިމެނޭ ހުރިހާ ލިޔުމެއް ޖިހާދަށް ލިބިފައިވޭތޯ ގާޒީ ސާފު ކުރެއްވިއެވެ. ޖިހާދުގެ ވަކީލް މުހުތާޒު މުހުސިން ވިދާޅުވި ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ ބައެއް ލިޔުންތައް މިހާތަނަށް ޖިހާދަށް ލިބިފައެއް ނުވެއެވެ. އެ ލިޔުންތަކުގެ ތަފްސީލު މުހުތާޒު ދެއްވިއެވެ. 

ދައުލަތުގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ ޖިހާދަށް ނުލިބޭ ކަމަށް ބަޔާން ކުރާ ލިޔުންތަކަކީ އެ ފަރާތާ ދޫކުރެވޭނެ ލިޔުންތައް ކަމާއި އެ ލިޔުންތައް އަންނަ އާދިއްތަ ދުވަހު ކުރިމިނަލް ކޯޓަށް ހަވާލު ކުރާނެ ކަމަށެވެ. ގާޒީ ވަނީ ކޯޓަށް ލިޔުންތައް ދައުލަތުން ހަވާލު ކުރުމުން ލިޔުންތައް ޖިހާދާ ހަވާލު ކުރާނެ ކަމަށް ވިދާޅުވެފައެވެ. 

މިއަދުގެ އަޑުއެހުމުގައި ދެން ގާޒީ ފުރުސަތު ދެއްވީ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އިއްވުމަށް ފުރުސަތު ދީފައެވެ. ދައުލަތުން ޖިހާދުގެ މައްޗަށް އުފުލާފައިވަނީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާއެވެ. 

އެ ދައުވާ ޖިހާދުގެ މައްޗަށް އުފުލާފައިވަނީ ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި، ކ.ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއުގައި، ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނާއި ހިލާފަށް އަމަލުކޮށްފައިވާތީއެވެ. 

އެގޮތުން، 29 ނޮވެމްބަރު 2011 ވަނަ ދުވަހު، އޭރުގެ ވަޒީރުންގެ މަޖިލީހުން ނިންމީ ކ.ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ސަރުކާރުގެ 50 އިންސައްތަ ހިއްސާވާ ޖޮއިންޓް ވެންޗާ އެގްރީމެންޓްއެއް ހަދައި، ސަރުކާރުން ހަރަދުކުރަން ނުޖެހޭގޮތަށް ބިމުކުލި އެކަނި ދައުލަތައް ނަގާގޮތަށް ތަރައްގީކުރުމަށް ކަމަށާއި އެހެންނަމަވެސް، ވަޒީރުންގެ މަޖިލީހުގެ އެ ނިންމެވުމާއި ހިލާފަށް، 13 ޖެނުއަރީ 2013ގައި އަބްދުﷲ ޖިހާދުވަނީ ކ.ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުގެ 25 އިންސައްތަ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ ކަމަށް ވަކީލް ވިދާޅުވިއެވެ. 

ވަކީލް ވިދާޅުވި ގޮތުގައި، ޖިހާދުގެ މި ނިންމެވުމުގެ ސަބަބުން ބިމު ކުލީގެ ގޮތުގައި 50 އަހަރުގެ ތެރޭގައި ލިބެން އޮތް 411،720،000 އެމެރިކާ ޑޮލަރާއި ޕްރައިމް ލޮކޭޝަން ޗާޖްގެ ގޮތުގައި 50 އަހަރުގެ ތެރޭގައި ލިބެން އޮތް 192،993،750 އެމެރިކާ ޑޮލަރު ސަރުކާރަށް ނުލިބޭނެއެވެ. 

އެ ދައުވާއަށް ޖަވާބުދާރީވުމަށް ދެން އޮންނަ އަޑުއެހުމެއްގައި ޖިހާދަށް ޖެހިވަޑައިގަންނަވާނެކަން ގާޒީ ފާހަގަ ކުރައްވަމުން، މިއަދުގެ އަޑުއެހުން ނިންމާލެއްވިއެވެ. ދެން އޮންނަ އަޑުއެހުމެއް ތާވަލު ކުރާނެ ވަކި ދުވަހެއް ގާޒީ މިއަދު އިއުލާނެއް ނުކުރައްވައެވެ. 

ޖިހާދަށް މީގެކުރިން ވެސް ވަނީ ހިޔާނާތުގެ މައްސަލައެއްގައި ދައުވާކޮށްފައެވެ. ނުހައްގު މުއްސަނދިކަން ހޯދާފައިވާ ކަމަށް ބުނެ މިލިއަނަކަށް ވުރެ ގިނަ ރުފާއިން ބަދަލު ހޯދަން ދައުވާކޮށްފައިވަނީ ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވުމުން ވެސް ނައިބު ރައީސްގެ ހައިސިއްޔަތުން ދިރިއުޅުއްވުމަށް ދައުލަތުން ހަމަޖެއްސި ރެހެންދި ފްލެޓް ހުސްކުރަން ދައުލަތުން ޖިހާދަށް އެންގުމުން ވެސް އެތަން ހުސް ނުކޮށް، ގާނޫނީ ހައިސިއްޔަތެއް ނެތި އެއް އަހަރާއި ތިން މަސް ވަންދެން ޖިހާދު އެތަން ބޭނުން ކުރެއްވި މައްސަލާގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.