ދިވެހިރާއްޖެ އާއި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމަށް ހުއްދަ ދިނުމަށް ނިންމާފައިނުވާ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރާއްޖެ އާއި އިޒްރޭލާއި ދެމެދު ދަތުރުތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާއި ހިލާފު އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
އެ މިނިސްޓްރީން ބުނީ، ރާއްޖެ އާއި އިޒްރޭލާއި ދެމެދު މިހާތަނަށް ވައިގެ ދަތުރުފަތުރު ކުރުމާއި ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރެވިފައިނުވާއިރު، ދަތުރު ކުރުމަށް އެއްވެސް އެއަރލައިނަކަށް ހުއްދައެއްވެސް ދެވިފައި ނުވާ ކަމަށެވެ.
ދިވެހިރާއްޖެ އާއި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭ pic.twitter.com/XLi8Ws6Qzc
— Ministry of Transport and Civil Aviation (@MoTCAmv) June 17, 2021
މީގެއިތުރުން އިޒްރާއިލާއި ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމާއި ގުޅޭ އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރެވިފައި ނުވާ ކަމަށާއި، އަދި އެފަދަ އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައިވެސް ނުވާނެ ކަމަށް ޓްރާންސްޕޯޓުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ޓްރާންސްޕޯޓުން މިހެން ބުނެފައިވަނީ ބައެއް މީޑިއާތަކުން އިޒްރޭލުން ރާއްޖެއަށް ސީދާ ދަތުރުތަކެއް ކުރަން އުޅޭ ކަމަށް ބުނެ ހަބަރުތައް ފަތުރާފައި ވަނިކޮށެވެ.
ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާއި ގުޅިގެން ރާއްޖެއިން ވަނީ ދާދި ފަހުން އިޒްރޭލާއި ދެމެދު އޮތް ހުރިހާ ގުޅުމެއް ކަނޑާލުމަށް ނިންމައި، އެކަން އިއުލާންވެސް ކޮށްފައެވެ. މިއާއެކު ގިނަ މުސްލިމު ގައުމުތަކެއްގެ އިތުރުން މުސްލިމުންތައް ރާއްޖެއަށް ވަނީ ތައުރީފްވެސް ކޮށްފައެވެ.